"އަވިކަތަ" ޕްރޮގްރާމްގެ ދަށުން ސޯލާ ޕެނަލް ސިސްޓަމް ޖެހުމަށް، ސްޓެލްކޯއިން ގޭގޭގެ ފުރާޅު ކުއްޔައް ހިފަން ހުޅުވާލައިފިއެވެ.

ސްޓެލްކޯއިން ބުނީ، ގޭގޭގެ ފުރާޅުގައި ހަރުކުރާ ކޮންމެ އެއް ކިލޯވޮޓްގެ ސޯލާ އަކަށް މަހަކު 180.60 ރުފިޔާ ގޭގެ ވެރިފަރާތަށް ކުލީގެ ގޮތުގައި ދޭނެ ކަމަށެވެ. ސޯލާ ހަރުކުރުމާއި އެކަމަށް ހިނގާ ހަރަދު ކުރާނީ ސްޓެލްކޯ އިންނެވެ.

ސޯލާ ޕެނަލް ހަރުކުރަން ސްޓެލްކޯ އިން ކުއްޔަށް ނަގާނީ 100 އަކަފޫޓުގެ ހުސް ޖާގައެއް އޮންނަ އަދި 150 ކިލޯގެ ބަރުދަން އުފުލޭ ވަރު ހުންނަ ގޮތަށް ހަދާފައިވާ ފުރާޅުތަކުގައި ކަމަށާއި އަދި އެތަނަކީ އިރުގެ އަވި ލިބޭ ތަނަކަށް ވެފައި ސޯސަލް ޕެނަލް އަދި ކަމާ ގުޅޭ ވަސީލަތްތައް ހަރުކުރަން ފަސޭހަ ތަނަކަށް ވާންޖެހޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ، މި ފުރުސަތަކީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓް ޒީރޯ އަމާޒަށް ވާސިލްވުމަށް ހުޅުވުނު ދޮރެއް ކަމަށާއި މީގެ ސަބަބުން ތިމާވެށީގެ ފައިދާގެ އިތުރުން، ކަސްޓަމަރުންގެ ގޭގެެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އާއްމުންގެ ބައިވެރިވުން ވެސް، މި ޕްރޮޖެކްޓްގެ ސަބަބުން އިތުރުކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މާލެއާއި ސްޓެލްކޯއިން ހިދުމަތް ދޭ ރަށްރަށުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ކުންފުންޏަށް ގުޅައިގެން ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.