އިންޑިއާގެ ޓެމިލް ނާޑޫގެ ޓުޓިކޮރިން އާއި ރާއްޖެ އާ ދެމެދު ކޮންޓެއިނާ އުފުލާ ބޯޓުގެ ސީދާ ދަތުރުތައް ފަށައިފިއެވެ.

މި ހިދުމަތް ފައްޓަވައި ދެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސް ޝާންތަނޫ ޓާކޫރެވެ. މި ރަސްމިއްޔާތުގައި ޝާންތަނޫ ވިދާޅުވީ މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުދާ އުފުލަން ސްރީލަންކާ މަގުން ކުރަމުން އައި ބާޖާއި ބަލްކު ކާގޯގެ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެ އާ ދެމެދު ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި އެމްއެސްއެސްގެ ބޯޓު 'އެމްއެސްއެސް ގަލީނާ، އިންނެވެ. މި ދަތުރުތައް ހަފްތާއަކު ތިން ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު ފެށިގެން ދިޔަ މި ދަތުރުތަކަކީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ފެށި ދަތުރުތަކެކެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ވަނީ ކުޅުދުއްފުއްޓާއި އިންޑިއާގެ ޓުޓިކޮރިންއާ ދެމެދު ކާގޯ ދަތުރުތައް ކޮށްފައެވެ. އަހަރެއްހާ ދުވަހު ދަތުރުތައް ކުރުމަށްފަހު އެ ދަތުރުތައް ހުއްޓާލާފައި ވާއިރު ހުއްޓަލި ސަބަބެއް މުޅިން ސާފެއް ނުވެއެވެ.