ގދ. ތިނަދޫގައި ޕޯޓެއް ބިނާ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

މި ޕޯޓު ބިނާ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޕޯޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. މިއަދު ހަވީރު ބޭއްވި ހަފްލާގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ތިނަދޫ ޕޯޓް ބިނާ ކުރުމަށް ކަނޑައަޅާފައި ވާ ބިން، އެ ރަށު ކައުންސިލުން ރަސްމީކޮށް އެމްޕީއެލާ ހަވާލު ކުރުމަށް ފަހުއެވެ.

މި ޕޯޓު ބިނާ ކުރުމުގެ މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.

15 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 45 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން 4500 ކިއުބިކް މީޓަރފުގެ ބިން ހިއްކުމާއި، 3000 އަކަ މީޓަރުގެ ޕޭވްމަންޓާއި ފެން ހިއްކާ ނިޒާމުގެ އިތުރުން ޕޯޓް ސަރަހައްދުގައި ފެންސް އެޅުން ހިމެނެއެވެ.

ތިނަދޫގައި ޕޯޓް ބިނާ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައި ވާއިރު، އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ އައްޑުއަތޮޅާއި ހުވަދު އަތޮޅަށް ބާއްވާ ކާގޯ ބޯޓު މިއަދު ވަނީ ފުރަތަމަ ފަހަރަށް ތިނަދުއަށް ބަނދަރު ކޮށްފައެވެ. ރާއްޖޭގެ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މި ބޯޓު ތިނަދުއަށް ބަނދަރު ކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. "ބޮންތި" ނަމަކަށް ކިޔާ މި ބޯޓު ތިނަދުއަށް ބަނދަރު ކުރީ 400 ޓަނުގެ މުދަލާއެކުއެވެ.