އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު، ރާއްޖެއަށް ކުރައްވާ ދަތުރަކީ، ދޭދޭ ގުޅުމުގެ މިސްރާބު ކަނޑައެޅިގެން ދާނެ މުހިންމު ދަތުރަކަށް ވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

މިމަހުގެ 20 އިން 21 ގެ ނިޔަލަށް ޑރ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އާއި ކެބިނެޓްގެ އެހެނިހެން މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ލީޑަރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު / ފޮޓޯ: ސޯޝަލް މީޑިއާ

ތަރައްގީގެ އުއްމީދުތަކާ ގުޅިފައިވާ ދަތުރެއް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މަސްވެރިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްފުށުގެ ތަރައްގީ ކުރިއެރުވުމާއި، މީޑިއާ ކޯޕަރޭޝަން، މީހުން ބިނާކުރުން، އަދި ގެދޮރުވެރިކަމާއި، މަގުތައް ތަރައްގީކުރުމާއި ކުޅިވަރު ތަރައްގީކުރުން ފަދަ ދާއިރާތަކުން މަޝްރޫއުތައް ފައިނޭންސް ކުރުމާއި ގުޅޭ އެއްބަސްވުން ތަކެއްގައި ސޮއި ކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ބައެއް ކޮމިއުނިޓީ-ލެވެލް މަޝްރޫއުތަކެއްވެސް ރަސްމީކޮށް އިފްތިތާހު ކުރައްވާނެ ކަމަށްވެސް ހަބަރު ލިބެއެވެ.

13 އޮގަސްޓް، 2020 ގައި ޑރ ޖައިޝަންކަރާއި ޝާހިދު ކުރިއަށް ގެންދެވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް (ޑީވީސީ) އަށް 6 މަސްދުވަސް ވީއިރު، އެ ބައްދަލުވުމުގައި އިއުލާނުކުރި ކަންތައްތައް ތަންފީޒު ވެފައި ވާ ކަން ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ.

އިންޑިއާ އަށް ޓެރެޜަރީ ބޮންޑެއް ވިއްކައިގެން ލިބުނު ލޯނު އެހީ އާއި ގުޅޭ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަ ވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

2020 ގައި އެކަނިވެސް ގިނަ އެހީތަކެއް

އިންޑިއާއިން ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިވެހިރާއްޖެއަށް 250 މިލިއަން ޑޮލަރުގެ މާލީ އެހީ ފޯރުކޮށްދީފައެވެ. އަދި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.ސީ.އެމް.ޕީ) ފައިނޭންސް ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ލައިން.އޮފް.ކްރެޑިޓް އަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެހީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު 'ޑައިރެކްޓް ކާގޯ ފެރީ ސާވިސް' މިދިޔަ ސެޕްޓެމްބަރުގައި ގާއިމް ކުރި ފަހުން މިހާތަނަށް 7 ދަތުރެއް ފުރިހަމަ ކޮށްފައި ވެއެވެ. އަދި އޮގަސްޓް 2020 ގައި ދެގައުމުގެ މެދުގައި ގާއިމްކުރި އެއާ ޓްރެވަލް ބަބަލް ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 2020 ވަނަ އަހަރުގެ ޓޮޕް ސޯސް މާކެޓްގެ މަގާމު އިންޑިއާއަށް ލިބި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާވެގެން ދިއުމަށް މަގުފަހިވިކަންވެސް ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ. މީގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯކްޓް ކުރާ ޒަރޫރީ ކޮމޯޑިޓީތަކުގެ ކޯޓާ 15 ޕަސެންޓަށް އިތުރު ކުރި ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގުޅިއެއް ހަދިޔާ ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ކޮވިޑް އިޖާބާ

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އިންޑިއާގައި އުފެއްދި ކޮވިޑް ވެކްސިންގެ ހަދިޔާ އެންމެ ފުރަތަމަ ލިބުނު ގައުމަކީ ދިވެހިރާއްޖެއެވެ.

ރާއްޖެއިން އިންޑިއާއަށް ހަދިޔާކުރި ވެކްސިން ޝިޕްމަންޓް ހިފައިގެން އައި އެޔާ އިންޑިއާގެ ފްލައިޓް ވެލާނާ އިންޓަނޭޝަންލގައި ޖައްސާފައި

ނޮވެންބަރު 3، 1988ގެ އުދުވާނީ ހަމަލާއާއި، 2004 ވަނަ އަހަރުގެ ސުނާމީއާއި، 2014 ވަނަ އަހަރުގެ ފެން ކާރިސާ ފަދައިން، އަނެއްކާވެސް، އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައި ވާ ގާތް ގުޅުން މިވަނީ ކާރިސާއަކުން އެކުގައި އަރައިގަތުމުގެ ތެރޭގައި އިތުރަށް ބަދަހިވެ، ވަރުގަދަވެފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރީ ނޮވެންބަރު 1، 1965 ގައެވެ. ޑރ ޖައިޝަންކަރުގެ މި ޒިޔާރަތަކީ، މިހިނގާ 2021 ވަނަ އަހަރުގެ ފުރަތަމަ ހައި-ލެވެލް ބައިލެޓަރަލް ޒިޔާރަތެވެ. ޑރ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރު ފަހުއެވެ.