ސާވިކަލް ކެންސަރު ނައްތާލުމަށް އަމާޒުކޮށް ބޭއްވި ކޮމަންވެލްތުގެ މަޝްވަރާ ބައްދަލުވުން "ފަޔާސައިޑް ޗެޓް" ގައި ރައީސްގެ އަނބިކަބަލުން ފަޒްނާ އަހްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

"އިންސްޕަޔަރިން ޗޭންޖް ޓު އެކްސެލެރޭޓް ސާވިކަލް ކެންސާ އެލިމިނޭޝަން އިން ދަ ކޮމަންވެލްތު" ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމަކީ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިންނަށް އަމާޒު ކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

ރުވާންޑާގެ ރައީސްގެ އަނބިކަނބަލުން ޖެނެޓް ކަގާމޭ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގެ ބޭނުމަކީ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިން އެއްތަންވެ، ކޮމަންވެލްތު ގައުމުތަކުގައި ސާވިކަލް ކެންސަރު އިތުރުވާ މިންވަރާމެދު ހޭލުންތެރިކަން އިތުރުކޮށް، ސަވިކަލް ކެންސަރު ނައްތާލުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމެވެ.

މި ބައްދަލުވުމާ އެއްވަގުތެއްގައި، ކޮމަންވެލްތް ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރުވާންޑާގެ ރައީސް ޕައުލް ކަގާމޭ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.