ތުރުކީގައި އިއްޔެ ބޭއްވި ކަޅު ކަނޑުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ޔޫކްރައިން ގެ އެމްޕީއަކު ގެންގުޅުއްވި އެގައުމުގެ ދިދަ ރަޝިއާގެ އޮފިޝަލުން ދަމައިގަތުމުން ތަޅާފޮޅައިގެންފިއެވެ.

މިހާދިސާ ހިނގާފައި ވަނީ ތުރުކީގެ އަންކާރާގައި މަންދޫބުންގެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ނޫސްކޮށްފަރެންސެއްގައި ރަޝިއާގެ ޑެލިގޭޝަންގެ އިސްވެރިއަކު ވާހަކަ ދައްކަވަން ހުންނަވަނިކޮށް ޔޫކްރައިން އެމްޕީ އެޮލެކްސަންދްރް މަރިކޮވްސްކީ ޔޫކްރައިންގެ ދިދަ އެއް ހިފައިގެން ރަޝިއާ އޮފިޝަލްގެ ފަހަތުގައި ހުއްޓުމުންނެވެ. އެއާއެކު ރަޝިއާގެ ވަފްދުގެ އޮފިޝަލަކު އެ ދިޔަގޮތަށް ގޮސް ދިދަ ނަމައިގަނެގެން ދާން ފެށުމުން އެމްޕީ އެނާގެ ފަހަތުން ބާރަށް ވަޑައިގެން ތަޅާފޮޅައިގަނެއެވެ. އެ ދެފާރތުގެ ކުރިމަތިލުމުގައި މާ ބޮޑު އަނިޔާއެއް ވީ ކަމަށް ނުފެނުނު ނަމަވެސް މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި (ގައުމުން ބޭރު ތަނެއްގައި) ދެގައުމުގެ އޮފިޝަލުންގެ ސީދާ ކުރިމަތިލުމެއް ހިނގި ފުރަތަމަ ފަހަރެވެ.

މިހާދިސާގެ އިތުރުން ބައްދަލުވުން ކުރިއަށް ދިޔަ ވަގުތުވެސް ދެގައުމުގެ އޮފިޝަލުން ވަނީ ކުރިމަތިލައްވާފައެވެ. އެތާނގައިވެސް ޔޫކްރައިންގެ ދިދަ ނެގުމުން ދެބަސްވެ ދެގައުމުގެ އޮފިޝަލުން ވަނީ ހިފައިގެންފައެވެ.

މި ކުރިމަތިލުގެ ވީޑިއޯތައް މިހާރު އާންމުވެފައި ވާ އިރު މިދިޔަ ބުދަ ދުވަހު ވަނީ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަވާހަރަކޮށްލުމަށް ޔޫކްރައިން އިން ދިން ކަމަށް ރަޝިއާއިން ތުހުމަތު ކުރާ ޑްރޯން ހަމަލާއެއް ރަޝިއާގެ ގާނޫނޫ ހަދާ މަޖިލީހުގެ މަތީގައި ހުންނަ ގުއްބައް އަރާ ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމު ވެފައެވެ.

އެ ހާދިސާގެ ތުހުމަތަށް ޔޫކްރައިން އިން އިންކާރު ކުރާ އިރު އެމެރިކާއިން ވަނީ އެކަމުގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.

ރަޝިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުން، އެ ހަމަލާ އަކީ ސީދާ ޕުޓިން އަވަހާރަ ކޮށްލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނަމަވެސް، ހަމަލާ ދިން ވަގުތު ޕުޓިން އެތަނުގައި ވަޑައިގެން ނެތެވެ. ޖުމްލަ 3 ޑްރޯނެއް ފޮނުވާލައި ހަމަލާ ދޭން މަސައްކަތް ކުރި ކަމަށާއި 2 ޑްރޯނެއް ޕުޓިންގެ ގަނޑުވަރާ ދިމާއަށް ދަނިކޮށް ވައްޓާލާފައި ވާ ކަމަށް ވެސް ބުނެއެވެ.

އަންކާރާގައި ހިނގި މިހަދިސާއާ އެކު ބައްދަލުވުން މެދުކަނޑާލައި ޔޫކްރައިންގެ އޮފިޝަލުން ވަނީ ހޯލުންވެސް ބޭރަށް ނެރެފައެވެ.