"އެމް ސަވާރީ" ބޯޓު ރޭ ދަންވަރު އަޑިއަށްދިޔަ ހާދިސާގައި ކަނޑުވި 6 މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބޯޓުން ދަތުރުކުރި މީހުން ގާތްގަނޑަކަށް 9 ގަޑިއިރު ކަނޑުވެފައި ތިއްބިއިރު އެ މީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވ.ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުންނެވެ. އެއީ އެމްއެންޑީއެފް ޑޯނިއާ އެއާ ކްރާފްޓަށެވެ.

އެ 6 މީހުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް މިއަދު މެންދުރު ފަހު 1:00 ހާއިރު ނަގާފައިވާ ކަމަށާއި މިއަދު ހަވީރު 4:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެ ގެނެސްދީފައިވާއިރު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ އެ މީހުން ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕުތައް ބަނދަރު ކުރާ ސަރަހައްދަށް ގެނެވުމާއެކު ހާލު އޮޅުންފިލުވާފައެވެ. އަދި އިތުރު ސިއްހީ އެހީތެރިކަމަކަށް ބޭނުންޖެހިދާނެކަމަށްޓަކައި އެމްއެންޑީއެފް މެޑިކަލް ކޯގެ ޓީމެއް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މާލެ އިން ފުރައިގެން މ. އަތޮޅާ އަދި ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ އެމް ސަވާރީ ބޯޓު އަޑިއަށް ދިޔަ ނަމަވެސް އެ ހާދިސާ މެދުވެރިވާން ދިމާވި ވަކި ސަބަބެއް އަދި އެމްއެންޑީއެފް އިން ހާމަކޮށްފައި ނުވެއެވެ. އދ. ހަންޏާމީދޫ އަށް ނިސްބަތްވާ އެ ބޯޓު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު މެންދުރެއް ހާއިރުއެވެ.