ދައުލަތުގެ މީޑިއާއަށް ބަޖެޓުން ހަރަދު ކުރާ 100 ވަރަކަށް މިލިއަން ރުފިޔާ މަދުކޮށް އެއިން ބައެއް ހުރިހާ މީޑިއާތަަކަށް އިންސާފު ވެރިކަމާއެކު ދިނުމަށް އެޑިޓާސް ގިލްޑް އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިހެން ބުނީ ނޫސްވެރިކަމުގެ މިނިވަން ކަމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ. ނޫސްވެރިކަމުހެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރާ އިރު، ރާއްޖޭގައި މިނިވަންކަން އެބަ އޮތް ކަމަށާއި ނަމަވެސް އެ މިނިވަންކަން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ގޮން ގޮންޖެހުންތަކެއް ހުރި ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން މިނިވަންކޮށް މީޑިއާއެއް ހިންގާނެ ފައިސާ ލިބޭނެ އިންތިޒާމް ނެތުމަކީ އެންމެ ބޮޑު އެއް ގޮން ޖެހުމުގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ. އަދި މިނިވަން މީޑިއާއެއް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ މީޑިއާ އަށް ބަޖެޓުން ދޭ 100 ވަރަކަށް މިލިއަން ރުފިޔާ މަދުކޮށް މީޑިއާތަކަށް އެއިން ބައެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ޓެކްސް ފައިސާއިން މީޑިއާތަކަށް އެއްވެސް ހަރަދެއް ކުރާ ނަމަ، އެ ފައިސާ ހަމަހަމަކޮށް ހާމަކަން ބޮޑުކޮށް، އިންސާފުން ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

ސީޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ދެމުން އަންނަ އިރު ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދެނީ މީޑިއާތަކުން ކަމަށް ވާއިރު ދައުލަތުގެ ބަޖެޓުން އިންސާފުވެރި އުސޫލެއްގެ މަތިން ފައިސާ ހަމަޖެހިގެން ދިއުމަކީ ނޫސްވެރިކަމުގެ މިނިވަންކަން އިތުރަށް ފުޅާކުރެވޭނެ ކަމެއް ކަމަށް އެ ޖަމިއްޔާިއން ބުނެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާ އިން ބުނީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ އަނެއް ކަމަކީ، މައުލޫމާތު ހޯދައި ލިބިގަތުމަށް ހުރި ހުރަސްތައް ކަމަށެވެ. އަދި އެ ހުރަސްތައް ނައްތާލުމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެން ގޮތަށް ހެއްކާ ބެހޭ ގާނޫނުން މަސްދަރު ހިމާޔަތް ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ޑިމޮކްރެޓިކް އަދި މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ތެރެއިން ވެރިކަން ކުރާ ގައުމެއްގައި ހާމަކަން ދަށްވެ، ޕްރެސް ފަރީޑަމްގެ އިންޑެކްސްގައި ރާއްޖެ ދުވަހެއް ދުވަހަކަށް ދަށަށް ދާތީ ކަންބޮޑުވުން ފާޅުކުރަމުން އެ ޖަމިއްޔާއިން ބުނީ، މިދިޔަ އަހަރާ އަލާ ބާލާއިރު، ރާއްޖޭގެ ޕްރެސް އިންޑެކްސް 13 ދަރަޖަ ފަހަތަށް ގޮސް ރާއްޖެ 100 ވަނައަށް ވެއްޓިފައިވާ ކަމަށެވެ.