ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް (އެޗްއާރު) ޑިޕާޓްމަންޓަށް ކުރި ފޯނު ކޯލަކާ ގުޅިގެން، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށް، އެ މައްސަލަ ބަލަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގައި ފުރަތަމަ ގުޅާފައިވަނީ ސްޓެލްކޯގެ އާދައިގެ މުވައްޒަފަކަށް ވެގެންނެވެ. އެގޮތުން އެޗްއާރު ޑިޕާޓްމަންޓަށް ގުޅުމަށްފަހު ޕީއެންސީއަށް ވަނުމަށްފަހު ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރިއެވެ. އޭގެ ޖަވާބުގައި އެޗްއާރުން ވަނީ މުވައްޒަފަށް ލިބިފައިވާ ލިންކަށް ސްކްރީންޝޮޓް ފޮނުވުމަށް އަންގާފައެވެ. އަދި ޕާޓީއަށް ވަނުމަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އެކަން އެނގޭ ލިޔުމުގެ ސްކްރީންޝޮޓް ސްޓެލްކޯއިން ފޮނުވާފައިވާ ލިންކަށް ފޮނުވުމަށް ވެސް އެ މުވައްޒަފު އެންގިއެވެ.
ނަމަވެސް، ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އަދި "ފަށާއިރު" ގެ ޕްރެޒެންޓަރު އާމިރު ސަލީމުގެ ނަމުގައި ގުޅައި، އެއީ ރާއްޖެޓީވީންކަ ން ހާމަކުރި ހިސާބުން ސްޓެލްކޯގެ އެޗްއާރުން ވަނީ ވަގުތުން ފޯނު ކަނޑާލާފައެވެ.
މި މައްސަލައާ ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ގައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާ ކަމަށެވެ. އަދި ކުންފުނީގެ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ 24 ގަޑިއިރު މެދުކެނޑުމެއް ނެތި، އިތުބާރާއި ޔަގީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށާއި، ކުންފުނީގެ ވަގުތާއި ވަސީލަތްތައް ހޭދަކުރާނީ އެ ގައުމީ ވާޖިބު އަދާކުރުމުގައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ، މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
