ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2026 ޑިސެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ކަމަށް މިއަދު މީޑިއާ ބްރޯޑްކާސްޓިންގް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ. މާލީ އެހީއަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންކުރާނީ "ވަންގަވް" ގެ ތެރޭގައި ގާއިމްކޮށްފައިވާ 'މީޑިއާއެޕް' ޕޯޓަލް މެދުވެރިކޮށެވެ.
މި އެހީ ދިނުމާ ގުޅޭގޮތުން އެކުލަވާލާފައިވާ 'މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު' ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 19 ނޮވެމްބަރު 2026 ގައެވެ. މި އުސޫލުގައި މާލީ އެހީތެރިކަމަށް އެދޭ މީޑިއާތަކުގެ ޝަރުތުތަކާއި، އެހީއަށް އެދުމަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތަކުގެ ތަފްސީލުތައް ބަޔާންކޮށްފައިވެއެވެ.
އެހީއަށް އެދޭ މީޑިއާތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތަތައް:
- ކޮންމެ އަހަރެއްގެ ޖެނުއަރީ 1 އާ ހަމައަށް، ފާއިތުވި 1 އަހަރު މެދުނުކެނޑި ހިދުމަތް ދީފައިވުން
- އާންމުންނަށް މުޢާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެ މަޢުލޫމާތާއި، ކޯޑް އޮފް އެތިކްސް އަދި އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުން
- ޓެކްސް ކްލިއަރެންސް ރިޕޯޓާއި، ޕެންޝަން ސްކީމުގެ ކޮމްޕްލަޔަންސް ސެޓްފިކެޓް ހުށަހެޅުން
- ވަޒީފާގެ އެއްބަސްވުންތައް ހަދައި، މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރާކަމުގެ ލިޔުން (ބޭންކް ސިޓީ ނުވަތަ 3 މަހުގެ ޓްރާންސްފަރ ސްލިޕް) ހުށަހެޅުން. (2027 އިން ފެށިގެން ބަލައިގަންނާނީ ހަމައެކަނި ބޭންކު ސިޓީ)
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ، ޙުކުމާ އެއްގޮތަށް އަދާކުރަމުންދާ ފަރާތަކަށް ވުން
- މީގެ ކުރިން ގްރާންޓް ލިބިފައިވާނަމަ، ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓު (ޖަދުވަލު 3) ހުށަހަޅާފައިވުން
މީގެއިތުރުން، އެހީއަށް އެދޭ ފަރާތްތަކަށް ލިބޭ ޖުމްލަ މާކްސް ނުވަތަ ޕޮއިންޓް އަދި އެ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްޞީލު ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި ނަތީޖާއާ މެދު ޝަކުވާ ހުށަހެޅުމާއި، ޖަވާބުދާރީވުމުގެ މަރުހަލާތަކުގެ އިތުރުން މުރާޖައާކުރުމަށް އެދި ހުށަހަޅާ ހުރިހާ މުއާމަލާތެއްވެސް ކުރިއަށްދާނީ މި ޕޯޓަލްގެ ތެރެއިން ކަމަށް ވެއެވެ.
