މާލެ އިން ފުރައިގެން މ. އަތޮޅާ އަދި ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ސަވާރީ ބޯޓުގައި ދަތުރު ކުރި ފަޅުވެރިން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑިއެފް އިން ބުނީ، ބޯޓު ހޯދުމަށް ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދުން 6 ފަޅުވެރިން ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވާ ކަަމަށެވެ. ކުރިން 4 ފަޅުވެރިން ކަމަށް ބުނި ނަމަވެސް ފަހުން އެމްއެންޑީއެފުން ބުނެފައި ވަނީ 6 ކަމަށެވެ. އަދި ކޯސްޓް ގާޑުގެ އުޅަނދަކަށް ހުރިހާ ފަޅުވެރިން މިހާރު ނަގާފައިވާއިރު އެންމެންގެވެސް ހާލު ރަނގަޅު ކަމަށްވެއެވެ. އަދި ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށް ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ބޯޓު އަޑިއަށް ދިޔަ ނަމަވެސް އެ ހާދިސާ މެދުވެރިވާން ދިމާވި ވަކި ސަބަބެއް އަދި އެމްއެންޑީއެފް އިން ހާމަކޮށްފައި ނުވެއެވެ. ސަވާރީ ބޯޓު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު މެންދުރެއް ހާއިރުއެވެ. އދ. ހަންޏާމީދޫ އަށް ނިސްބަތްވާ އެ ބޯޓުގައި 4 ފަޅުވެރިން ތިބި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އިން ވަނީ މީގެ ކުރިން ދީފައެވެ.

ގެއްލުނު ސަވާރީ ބޯޓުގެ ފަޅުވެރިން ސަލާމަތް ކުރި ސަރަހައްދު

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ދަނީ މޫސުމީ ވިއްސާރަ ނޫން ކަމަށާއި މިއީ މަލިކު ކައިރީ އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ބުނެފައެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، 45 މޭލަށް ވައި ގަދަވާނެ ކަމަށާއި ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.