މާލެ އިން ފުރައިގެން މ. އަތޮޅާ އަދި ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ހަބަރު ނުވެގެން މިއަދު ހެނދުނު ރިޕޯޓު ލިބިފައިވާ ކަމަށެވެ. "ސަވާރީ" ނަމަކަށް ކިޔާ އެ ބޯޓު މާލެއިން ފުރިއިރު ބޯޓުގައި 4 ފަޅުވެރިން ތިބި ކަމަށާއި އެއްވެސް މީހަކާ ނުގުޅޭ ކަމަށެވެ. އަދި މިހާރު ބޯޓު ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައި ވާ ކަމަށް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން "ދަ ޕްރެސް" އަށް ވިދާޅުވީ ބޯޓަކީ އދ. ހަންޏާމީދޫ އަށް ނިސްބަތްވާ ބޯޓެއް ނަމަވެސް އެ ބޯޓުގެ ކައްޕިއަކީ ދިއްގަރު މީހެއް ކަމަށެވެ. އަދި އޭނާއާވެސް ކޮންޓެކްޓް ނުވާ ކަމަށް ނިޝާން ވިދާޅުވިއެވެ.

އަދި މޮބައިލް އެޕްލިކޭޝަން އިން ބަލާއިރު އެންމެ ފަހުގެ ލޮކޭޝަން އަކަށް ދައްކަނީ މީގެ 6 ގަޑިއިރެއްހާ އިރު ބޯޓު އޮތްތަން ކަމަށްވެސް ވެއެވެ. ވ އަތޮޅުގެ ރަށްތަކުންވެސް ކައްޕި އާއި އިތުރު މީހަކަށް ވެސް މިހާތަނަށް ކޮންޓެކްޓް ނުކުރެވޭ ކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ދިނެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ދަނީ މޫސުމީ ވިއްސާރަ ނޫން ކަމަށާއި މިއީ މަލިކު ކައިރީ އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ބުނެފައެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، 45 މޭލަށް ވައި ގަދަވާނެ ކަމަށާއި ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.