މިދުވަސްވަރު ރާއްޖޭގެ އެކި އަތޮޅުތަކަށް ދުންފުހުގެ އަސަރު ފޯރައި، ހާއްސަކޮށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހު މިކަމުގެ އަސަރު ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރުމާ ގުޅިގެން، ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ހޮނިހިރު ދުވަހު އާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ވައިގެ ސާފުމިން ހުރި މިންވަރު ދެނެގަތުމަށް ބޭނުންކުރާ "ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް" އިން ދައްކާ ގޮތުގައި އުތުރާއި މާލެ ހިމެނޭ ސަރަޙައްދުގެ ވައި ވަނީ ސިއްޙަތަށް ނުރައްކާވާ މިންވަރަށް ނުސާފުވެފައެވެ.
އެގޮތުން ލަފާކުރެވޭ މިންވަރުތަކަށް ބަލާއިރު:
- ހދ. ކުޅުދުއްފުށި: 168 (ރަތް ސަމާލު)
- މާލެ: 163 (ރަތް ސަމާލު)
- ށ. ފުނަދޫ: 157 (ރަތް ސަމާލު)
- ކ. ވިލިނގިލި: 156 (ރަތް ސަމާލު)
- އައްޑޫ ސިޓީ: 75 (ރީދޫ ސަމާލު)
- ފުވައްމުލައް ސިޓީ: 73 (ރީދޫ ސަމާލު)
- ލ. ގަން: 69 (ރީދޫ ސަމާލު)
- ދ. ކުޑަހުވަދޫ: 66 (ރީދޫ ސަމާލު)
މި މިންވަރުތަކަށް ރިއާޔަތްކޮށް، ވައި ނުސާފުވާ ވަގުތުތަކުގައި އަމަލުކުރަންވީ މުހިންމު އިރުޝާދުތަކެއް އެޗްޕީއޭއިން ވަނީ ހިއްސާކޮށްފައެވެ.
ރަތް ސަމާލު (ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް 151-200):
މި މިންވަރަކީ ޞިއްޙީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް ބޮޑު ހާލަތެކެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި އެން95 ނުވަތަ އެފަދަ މާސްކެއް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއާ ޕިއުރިފައިއަރ ބޭނުންކުރުމަށްވެސް ވަނީ އެދިފައެވެ.
އޮރެންޖު ސަމާލު (ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް 101-150):
މި ހާލަތުގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، އަދި ނޭވާލާ ނިޒާމާއި ހިތުގެ ބައްޔާއި އެލާރޖީގެ މައްސަލަތައް ހުންނަ ނާޒުކު ފަރާތްތަކުން ބޭރުގައި ކަސްރަތުކުރުމާއި ކުޅިވަރު ކުޅުން މަޑުޖައްސާލަންޖެހެއެވެ. އަދި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ އެން95 މާސްކު އެޅުމަށާއި، ގޭގެ ދޮރުތައް ލައްޕައި އެއާ ޕިއުރިފައާ ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
ރީދޫ ސަމާލު (ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް 51-100):
މި މިންވަރަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އަސަރުކޮށްފާނެ ހާލަތަކަށްވާތީ، އެފަދަ ފަރާތްތަކުން ބޭރުގައި އުޅުމުން ދުރުހެލިވުމަށާއި، ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވަނީ އެދިފައެވެ. އަދި ބޭރަށް ނުކުންނަނަމަ އެން95 މާސްކު އެޅުމާއި، ގޭތެރެއަށް ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ ވައި ސާފު މިންވަރު ވަގުތުން ވަގުތަށް ބެއްލެވުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ އައިކިއު އެއާ ވެބްސައިޓް އަދި އައިކިއު އެއާ ވިޝުއަލް މޮބައިލް އެޕްލިކޭޝަން ބޭނުންކުރެއްވުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ.
