ރާއްޖޭގެ ވެރިރަށް މާލެ އާއި ހދ. ކުޅުދުއްފުށީގެ ވައިގެ ސާފު މިންވަރު ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސް، ޖައްވު ވަރަށް ބޮޑަށް ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.

އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެ ރަށުގެ ވައިގެ ކޮލިޓީ ހުރީ 165 ގައެވެ. އަދި ވެރިރަށް މާލޭގައި ވައިގެ ކޮލިޓީ 160 ގައި ހުރި އިރު، ހުޅުމާލެ އާއި އައްޑޫ ސިޓީގެ އެއާ ކޮލިޓީ ރެކޯޑު ކުރެވިފައި ވަނީ 70 ގައެވެ.

އާންމު މިންގަނޑުތަކަށް ބަލާއިރު، އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ 'މޮޑަރޭޓް' ނުވަތަ މެދުމިންވަރެއްގެ ހާލަތެއް ކަމަށް ބެލެވުނު ނަމަވެސް، އެއީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތެކެވެ. ނަމަވެސް، އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެ ނަމަ ސިއްހީ ގޮތުން ހައި ރިސްކު މީހުންނަށް އޮންނަ ނުރައްކާ ބޮޑުވެއެވެ. އަދި އިންޑެކްސް 150 އިން މައްޗަށް ދިއުމަކީ އާންމު އެންމެންގެ ސިއްހަތަށް ވެސް ނުރައްކާ އޮތް ހާލަތެކެވެ. މާލެ އާއި ކުޅުދުއްފުށީގެ މިންވަރު މިހާރު ހުރީ އެންމެންނަށް ވެސް ނުރައްކާވާ ފަދަ ދަރަޖައެއްގައެވެ.

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލެ ފޭސް 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވެއެވެ. މިކަމާ ގުޅިގެން އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް އާންމުކޮށް ނުސާފު ވައިގެ އަސަރު އެންމެ ބޮޑަށް ފޯރަނީ އިރުވައި މޫސުމުގައެވެ. އެއީ އެ ދުވަސްވަރު ވައިގެ މިސްރާބު ހުންނަ ގޮތުން، އުތުރު އިންޑިއާގެ ސަރަހައްދުތަކުން ބޭރުވާ ނުސާފު ވައި ރާއްޖެއާ ދިމާއަށް ދަތުރުކުރާތީއެވެ. މި އަހަރުގެ ޑިސެމްބަރު މަހު އިރުވައި މޫސުން ފެށުމާ އެކު، އަނެއްކާވެސް ނުސާފު ވައިގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ޖައްވު ތަޣައްޔަރުކުރާ މި ވައިގައި މައިގަނޑު ގޮތެއްގައި އެކުލެވެނީ ހިރަފުހާއި، ބޮޑެތި ކާރުހާނާތަކުން އަރާ ދުމާއި، ދަނޑުވެރިކަމުގެ ކުނި އެންދުމުން އުފެދޭ ދުމެވެ. މީގެ އިތުރުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ކޯލް އެންދުމާއި، އުމްރާނީ ތަރައްގީއަށް ކުރިއަށްގެންދާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން ޖައްވަށް ބޭރުވާ ހިރަފުހާއި ކުނޑި ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ވައި ނުސާފުވާ ދުވަސްވަރުތަކާ ދިމާކޮށް، ނޭވާލާ ނިޒާމުގެ އެކި ބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިފަދަ ދުވަސްވަރުތަކުގައި ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަށާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި ނޭވާހިއްލާ ބަލި ހުންނަ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.