ސަރުކާރުގެ އަމާޒަކީ ގައުމީ އިޖްތިމާއީ ރައްކާތެރިކަމުގެ އައު އޮނިގަނޑުގެ ތެރެއިން އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް އެ އޮނިގަނޑު އަލުން މުރާޖައާކުރުން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މިއަދު ހެނދުނު ހޮޓެލް ޖެންގައި "އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް" އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމުގައި މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރެޖިސްޓްރީ ޕޯޓަލްއެއް ތައާރަފްކޮށްފައިވާކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާއި އެއްގޮތަށް ކަމުގައެވެ.އަދި ރާއްޖެއިން ޔުނިވާސަލް ކޭޝް ޓްރާންސްފާގެ ހިދުމަތާއި، ތެރަޕިއުޓިކް އައިޓަމް އެލަވަންސްގެ އިތުރުން އެސިސްޓިވް ޓެކްނޮލޮޖީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޖްތިމާއީ ރައްކާތެރިކަން އެންމެނަށް ފޯރުކޮށްދިނުމުގައި މި ސަރުކާރުން ހޯދައިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނުގެ ވިދާޅުވީ އެކަނިވެރި މައިންނަށް ދެވޭ އެލަވަންސާއި ޔުޓިލިޓީސް ބިލްތައް ދެއްކުމަށް ފޯރުންތެރިކަން ނެތް އާއިލާތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި ޕެންޝަން ސްކީމަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ކަންތައްތަކެއް ކަމުގައެވެ.

މީގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމެއް ކަމަށާއި އެކްޝަން ޕްލޭން އޮން ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަންއަށް ރާއްޖެއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އިންޝުއަރެންސް ސްކީމްތަކާއި، އިޖުތިމާއީ އެހީތެރިކަމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފައިސަލް ވަނީ ފާހަގަކުރެއްވާފައެވެ.

ރީޖަނަލް އެކްޝަން ޕްލޭނަކީ ސަރަޙައްދީ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމްތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ، އާ ވިސްނުންތަކުގެ މަޝްވަރާތަކާއި ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިކުރުވާ ޕްލެޓްފޯމެކެވެ.