ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅި މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކުރި ހުކުމަކީ ރާއްޖޭގެ މަސް ކަނޑުތަކާއި ހާއްސަ އިގްތިސޯދީ ސަރަހައްދު ހިމާޔަތްކުރުމަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް ބުނެ، އަދާލަތުން އިދިކޮޅަށް ރައްދު ދީފިއެވެ.
އިމުގެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންޓުގެ ދަށުން ބަހާލުމަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ވަނީ ހުކުމްކޮށްފައެވެ. އިކުއިޑިސްޓެންޓުގެ ދަށުން 200 ނޯޓިކަލް މޭލު ބަހާލުމުން، ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
މިދިޔަ މަހު 29 ގައި އެ މައްސަލަ އެގޮތަށް ނިމިގެން ދިޔުމުން، ސަރުކާރުން ސިފަކުރީ އެއީ ލިބުނު ކާމިޔާބެއްގެ ގޮތުގައެވެ. ނަމަވެސް އެ މައްސަލައިގައި އެކި ސިޔާސީ ޕާޓީތަކާއި ސަރުކާރުގައި މީގެ ކުރިން މަސައްކަތްކުރެއްވި ބައެއް ބޭފުޅުންގެ އިތުރުން، އާންމުންގެ ފާޑުކިއުން ވެސް މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އެ ފާޑުކިއުންތަކަށް ރައްދުދީ މިއަދު ނެރުނު ބަޔާނުގައި އަދާލަތު ޕާޓީން ބުނީ، އެ މައްސަލައިގެ ނިންމުމާ ދެކޮޅަށް އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.
އިދިކޮޅުން ބުނާ ގޮތުގައި، އެ މައްސަލައިގައި އެންމެ ބޮޑު އެއް ދައުރެއް އަދާކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީފުޅެވެ. ރައީސް މިދިޔަ އަހަރު ފޮނުއްވި އެ ސިޓީފުޅުގައި ވަނީ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން އެ ގައުމާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭން ނިންމިކަން ހާމަކުރައްވައިފައެވެ.
"ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އިސްތިޝާރީ ލަފާގެ މައްސަލަ އަލުން އދ އަށް ހުށަހެޅިއްޖެ ނަމަ، ސަރަހައްދާ ބެހޭ ގޮތުން ރާއްޖޭން ކުރާ ދައުވާ ދޫކޮށްނުލައި, މޮރިޝަސް އަށް ތާއީދު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ، ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވެލެއްވުން ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ބުނުމެއް،" އަދާލަތުގެ ބަޔާނުގައި ވެއެވެ.
އެ ޕާޓީން ބުނި ގޮތުގައި، އިމުގެ މައްސަލައިގައި މޮރިޝަސްގެ ބާރު ޗާގޯސްގެ ރަށްތަކަށް ހިނގުމާ މެދު ރާއްޖޭން އުފެއްދި ސުވާލަށް ޓްރައިބިއުނަލުން ޖަވާބު ދީފައިވެއެވެ.
ހަމަ އެއާއެކު، ގާނޫނުއަސާސީގެ ތިންވަނަ މާއްދާގައިވާ ރާއްޖޭގެ ސަރަހައްދު ކަމަށް ބަލަނީ ރާއްޖޭގެ ބޭސްލައިނުން ފެށިގެން 12 ނޯޓިކަލް މޭލު ހިމެނޭ ސަރަހައްދަށް ކަމަށާއި، އެގޮތުން ޗާގޯސްގެ ރަށްތަކުގެ މައްސަލައިގައި މޮރިޝަސް އާ އެއްކޮޅު ވުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ނިންމި ނިންމުމެއް ނޫން ކަމަށް އަދާލަތުން ބުންޏެވެ.
އަދި ރަސްމީކޮށް އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަށް ހިމާޔަތްކޮށް ދިވެހިންނަށް ހާއްސަކޮށް އޭގެ މަންފާ ހޯދުމަށް ލިބިގެންދިޔަ އިތުރު ބާރެެއް ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.
އިން ވަކިކުރުމުގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނާއި އެމްއެންޕީގެ އިތުރުން، އެމްއާރުއެމާއި ޖުމްހޫރީ ޕާޓީން ސަރުކާރާ ދެކޮޅެވެ. އެ މައްސަލައިގައި ރާއްޖެ އަށް ގެއްލުނު ބައި އަލުން ހޯއްދަވަން މަސައްކަތްކުރައްވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނާއި އެމްއެންޕީން ދަނީ ރައީސް އަޒުލްކުރުމަށް ތައްޔާރުވަމުން ކަމަށް، އެ ދެ ފަރާތުން ވެސް މީގެ ދުވަސްކޮޅެއް ކުރިން ބުންޏެވެ.