ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހް ލަންޑަނަށް ކުރައްވާ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލަސްގެ ކޮރޮނޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ކިންގް ޗާލްސްގެ ކޮރޮނޭޝަން ރަސްމިއްޔާތު އޮންނާނީ މޭ 6 ވަނަ ދުވަހުއެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތް ލީޑަރުންގެ އިވެންޓެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. މި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވާނެ ތާރީހެއް މިއުވާން ހާމަކުރައްވާފައެއް ނުވެއެވެ.

ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ މަންމަ އެލިޒަބަތު ދެވަނަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީގެ ޖަނާޒާގައި ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވިއިރު ރައީސް ސޯލިހުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.