މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ހދ.ހަނިމާދޫ އަދި ދ. މީދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ފުލުހުން ހިންގި އެ އޮޕަރޭޝަންތަކުގެ ތެރެއިން ދ. މީދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ އޮޕަރޭޝަނުގައި އޭނާ މަގުމަތިން އޭނާ ހުއްޓުވާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.