ހުޅުމާލެ ފޭސް ދޭއްގައި ނުރައްްކާތެރި އެކްސިޑެންޓެެއް ހިނގައި ޒުވާނަކަށް އަނިޔާވެ ސީރިއަސް ކަމަށް ހަބަރުލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ފެސް 2 ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 03:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި 20 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ އެސްޓީއޯގެ ޕިކަޕަކާ ސައިކަލާ ޖެހިގެންނެވެ.

ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުން ދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރި ކަމަށް ހާއްސަ ކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.