މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އާސަންދަ ބަޖެޓްގެ ބޮޑުބައި މިހާރު ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެގޮތުން މިއަހަރު އާސަންދައަށް ހަރަދުކުރަން ބަޖެޓް ކުރި 1.04 ބިލިޔަން ރުފިޔާގެ ތެރެއިން 807.2 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށް ނިމިފައެވެ. ދެން ބާކީ އޮތީ 237.8 މިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މަހަކަށް ބަލާ ނަމަ އާސަންދައަށް 160 މިލިޔަން ރުފިޔާއަށް ގިނަ ފައިސާ ކޮންމެ މަހަކުވެސް ހަރަދު ކުރެއެވެ.
ސަބްސިޑީއަށް ހަރަދުކުރަން މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 2.28 ބިލިޔަން ރުފިޔާގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް މިހާރު ވަނީ ހަރަދު ވެފައެވެ. އެގޮތުން 1.35 ބިލިއަން ރުފިޔާ ވަނީ ސަބްސިޑީއަށް ހަރަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މަހަކަށް ބަލާނަމަ އެއީ 200 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެކެވެ.
އެހެންކަމުން އަހަރު ދެބައި ވާންވާއިރު އާސަންދަ އާއި ސަބްސިޑީ ހުސްވާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ. އަހަރަކަށް ވުރެ އަހަރެއް އާސަންދަ އަށް ކުރާ ހަރަދުތައް ދަނީ އުފުލެމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް އާސަންދައަށް 730.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ. ނަމަވެސް ބަޖެޓް ހުސްވެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާ އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްދީފައި ވެއެވެ.
ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ސަބްސިޑީ ކުޑަކޮށް ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ވޯލްޑް ބޭންކުންވެސް ވަނީ ދާދި ފަހުން ލަފާ ދީފައެވެ.