11 އަހަރުގެ ދިގު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމުގެ ޔަގީންކަން، އިދިކޮޅުގެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ލަފާކުރެއްވި ހުރިހާ ބޭފުޅުން ދެއްވައިފިއެވެ.

އިދިކޮޅުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންނަކީ ޕީޕީއެމްގެ ތިން ނައިބުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންގެ އިތުރުން ޕީއެންސީގެ ދެ ނައިބުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

މިދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް، ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލަކީ، ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި އިދިކޮޅުގެ ވިސްނުން ހުރީ ކޮން ގޮތަކަށްތޯއެވެ. އެއާއެކު، ޔާމީނަށް ވާދަނުކުރެއްވޭ ނަމަ، އިދިކޮޅުގެ ޓިކެޓު ހޯދުމުގެ ޝައުގުވެރިކަން ހުރިތޯ ވެސް ނޫސްވެރިން ސުވާލުކުރިއެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ތަކުރާރުކޮށްދެއްވައި، އެ ބޭފުޅުންގެ ފަރާތުން ޖަވާބު ދެއްވީ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އެކަމަކު ރޭ އެ ސުވާލަށް ވަކިވަކިން ޖަވާބު ދެއްވުމަށް އަބްދުއްރަހީމް ވަނީ ޝިޔާމަށާއި މުއިއްޒަށާއި ޣައްސާންގެ އިތުރުން، އާދަމް ޝަރީފަށާއި ސައީދަށް ފުރުސަތު ދެއްވައިފައެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އެ ބޭފުޅުންނަށް ފުރުސަތު ދެއްވީ ނޫސްވެރިން ތަކުރާރުކޮށް އެދެމުން ދާތީއެވެ. އެ ފަސް ބޭފުޅުން ވެސް ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނެތް ކަމަށާއި، ޔާމީނަށް އިންތިހާބު ހޯއްދަވައިދެއްވުމަށް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

  • "އަޅުގަނޑުމެން އެންމެން އެއްބަސް ކިޔައި އެކައްޗެއް މި ކިޔަނީ، އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން، އަޅުގަނޑުމެން އެކަމުގަ އެއްވެސް ދެބަސްވުމެއް ނެތް އިނގޭތޯ،" - މުއިއްޒު
  • "އަޅުގަނޑު މިހުރީ ރައީސް ޔާމީންގެ ފަހަތްޕުޅުގަ ވަރަށް ސާބިތުކަމާ އެކީ އިނގޭތޯ، އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިންމާލާނީ އެމަނިކުފާނާ އެކީގަ، އެމަނިކުފާނުގެ ފަހަތްޕުޅުގަ، ދެން ކިހިނެއްތޯ އަޅުގަނޑު ކުރިއަށް އަރާނީ އިނގޭތޯ؟" - ޝިޔާމް
  • "އަޅުގަނޑު ހަމަ އިއްޔެ ވެސް ހުރީ، މިއަދު މިހިރީ، މާދަން ވެސް ހުންނާނީ ﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ފަހަތްޕުޅުގަ، އެމަނިކުފާނު ދެއްކެވި މަގަކުން ނޫނިއްޔާ އަޅުގަނޑު ހިނގާކަށް ގަސްތެއް ނުކުރަން،" - ޣައްސާން
  • "ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އެމަނިކުފާނު ބެހެއްޓެވި ހިސާބެއްގަ އަޅުގަނޑު ހުންނާނަން، އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް އޮތް ކަމެއް ނޫން ތި ވިދާޅުވަނީ އެއް،" - ސައީދު
  • "އަޅުގަނޑު މިހާތަނަށް، އަދި މިހާރު ވެސް، އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި، އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނަން، އަޅުގަނޑު ހުންނާނީ ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގަ،" - އާދަމް ޝަރީފް

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިދިކޮޅުން ތަކުރާރިކޮށް ބުނަމުން ދިޔައީ، ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށާއި، އިންތިހާބުގައި ވާދަކުރުމުގެ ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

މިހާރު އޮތް ގޮތުން، ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ނަމަވެސް ކޯޓު މަރުހަލާ ކާމިޔާބުވެއްޖެ ނަމަ، ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެހެންކަމުން، އިންތިހާބުގައި ވާދަކުރުމަށް ޔާމީނަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.