އިތުރު ތަނެއްގައި މަސައްކަތް ނުކުރަން އެއްބަސްވެ، ވަޒީފާ އަދާކުރާ ހޮސްޕިޓަލުގައި އެކަނި ހިދުމަތްދޭ ސިއްހީ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ، "އެކްސްކްލޫސިވް ސާވިސް ބެނެފިޓް"ގެ ނަމުގައި ދޭ މި އިނާޔަތް ދޭނީ ދަތުގެ ޑޮކްޓަރުން ހިމެނޭ ހެން ކަމަށެވެ.
މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި ގޮތުގައި، އެ އިނާޔަތް ލިބޭނީ ސްޕެޝަލިސްޓުންގެ ތެރެއިން ރޭންކު 10 އިން ފެށިގެން ސަބްސްޕެޝަލިސްޓުންގެ ގޮތުގައި ތިބި މުވައްޒަފުންނަށެވެ. އެ އިނާޔަތް ލިބޭނީ އޭނާ ވިދާޅުވި ގޮތުގައި ބައެއް ކަހަލަ ކަންކަމަށް ވަޒީފާ އަދާކުރާ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުންނެވެ. އެ ކަންކަމަކީ:
- ވަޒީފާ އަދާކުރާ ހޮސްޕިޓަލްގައި އެކަނި ހިދުމަތް ދިނުމަށް
- އިތުރު އެއްވެސް ކްލިނިކް ފަދަ ތަނެއްގައި ހިދުމަތް ނުދިނުމަށް
- ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އަދާކުރުމަށް
މި އިނާޔަތް ދެވޭނީ ހޮސްޕިޓަލަކުން ޕޭ ކޮމިޝަނަށް ކޭސް-ބައި-ކޭސް ކޮށް ހުށަހެޅުމުން ކަމަށް ވިދާޅުވި ނަމަވެސް، އިނާޔަތުގެ ގޮތުގައި ދެނީ ކިހާ ވަރެއް ކަން ފައިސަލް ވިދާޅެއް ނުވެއެވެ.
މުސާރަ އަށް އައި ބަދަލުގެ ހުލާސާ އެއް:
- ސީނިއާ ސަބްސްޕެޝަލިސްޓް ކޮންސަލްޓަންޓުން: 71،649ރ. އިން 87،392ރ އަށް (22 ޕަސެންޓު)
- ސަބްސްޕެޝަލިސްޓް ކޮންސަލްޓަންޓުން: 58،367ރ. އިން 77،577ރ. އަށް (28 ޕަސެންޓު)
- ސީނިއާ ސްޕެޝަލިސްޓް ކޮންސަލްޓަންޓުން: 55،675ރ. އިން 66،702ރ. އަށް (20 ޕަސެންޓު)
ޕޭ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރޭންކް 10 އިން މަތީގެ 11 ސަބްސްޕެޝަލިސްޓުން މިހާރު ވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރެއެވެ. އަދި ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓުންގެ ގޮތުގައި 10 ސްޕެޝަލިސްޓުން މަސައްކަތް ކުރެއެވެ.
ސަރުކާރުން މިފަދަ އިނާޔަތެއް ދިނުމަށް ނިންމާފައި ވަނީ ހޮސްޕިޓަލްގައި މަސައްކަތްކުރުމަށް ފަހު ބައެއް ޑޮކްޓަރުން އަގުބޮޑުކޮށް ކްލިނިކްތަކުގައި ބަލި މީހުން ބަލަމުން ދާތީ އާންމުން އެކަމަށް ފާޑުކިޔަމުން ދަނިކޮށެވެ.