އީރާނާއި އިރާގާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ ވަގުތު ޖެހިއްޖެ ކަން ހާމަކުރައްވަމުން އިރާގުގައި އެމެރިކާގެ އެކަކު ހުރިމަކީވެސް މާ ބައިވަރު ކަމަށް އީރާނުގެ ރައީސް އާޔަތުއްލޯ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ދެގައުމުގެ ގުޅުން ރަނަގޅު ކުރުމާ ބެހޭ ގޮތުން އީރާގުގެ ރައީސް އަބްދުއްލަތީފް ރާޝިދު އާ ތެހެރާންގައި ބައްދަލުކުރައްވަމުންނެވެ.
ހާމަނާއީ ވިދާޅުވީ، އެމެރިކާ މީހުންނަކީ އެއްވެސް ބަޔަކާ ރަހުމަތްތެރި ވާނެ ބައެއް ނޫން ކަމަށާއި އެމީހުންގެ ޔޫރަޕްގެ ބައިވެރިންނަށް ވެސް އެއީ ވަފާތެރި ބައެއް ނޫން ކަމަށެވެ.
ހާމަނާއީ މިހެން ވިދާޅުވެފައި ވަނީ، ކުރިން އިއުލާން ކުރެއްވުމަކާ ނުލައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން މިދިޔަ މަހު އިރާގަށް ވަޑައިގެން އެގައުމުގައި ތިބި އެމެރިކާ ސިފައިން އަދިވެސް ބޭތިއްބުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
އޮސްޓިން އަކީ، އެމެރިކާގެ މިހާރުގެ ސަރުކާރު ފެށުނު ފަހުން އިރާގަށް ވަޑައިގެންނެވި އެންމެ އިސް އޮފިޝަލެވެ. އޭނާގެ އެ ދަތުރުގައި އިތުރަށް ވިދާޅުވެފައި ވަނީ އިރާގާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކޮށް އިރާގުގެ ހަމަޖެހުމާއި މަސްލަހަތު ރައްކާތެރި ކުރުމުގައި އެމެރިކާއިން އެހީވެދޭނެ ކަމަށެވެ. އަދި އިރާގުގައި ދެމިތިބޭ އެމެރިކާގެ ފައުޖުތަކުގެ ދައުރަކަށް ވާނީ، ޓެރަރިޒަމަ ދެކޮޅަށް އިރާގުން ކުރަމުން ގެންދާ ހަނގުރާމައިގައި ލަފަޔާއި އިރުޝާދު ދިނުން ކަމަށާއި އަމަލީ ގޮތުން ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރި ނުވާނެ ކަމަށެވެ.
ހާމަނާއީގެ ވާހަކަތަކާ ގުޅިގެން އީރާގުގެ ރައީސް ކޮމެންޓެއް ނުކުރެއްވި ނަމަވެސް ވިދާޅުވީ، ދެގައުމުގެ ދެމެދުގައި ސުހލްހަ ގާއިމު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެމެރިކާއިން އިރާގުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ވާހަކަ ދައްކާ އިރު މެދުރިއުމަތީގައި ކުރިން ހަތުރުންގެ ގޮތުގައި ތިބި ގިނަ ގައުމުތަކުން މިހާރު ދަނީ ސުލްހަވަމުންނެވެ. އެގޮތުން، ސައުދީ އާއި އީރާން އަދި ސައުދީއާއި ޔަމަން، އުރުދުނާއި ގަތަރު އަދި ސައުދީއާއި ސީރިއާ ފަދަ ގައުމުތަކުން ވެސް މިހާރު ވަނި ސުލްހައިގެ ވާހަކަތަކުގައި ކުރި ހޯދާފައެވެ. ބައެއް ގައުމުތަކުން ސުލްހަވެ އެއްގަމު އަނެއް ގައުމުގައި ޑިޕްލޮމެޓިކް މިޝަންތައް ހުޅުވަން ތައްޔާރު ވަމުން އަންނަ އިރު، ސުލްހަ ނުވެ އޮތީ އިރާގާއި އީރާނެވެ.
އަދި މެދުއިރުމައްޗަށް މި އަންނަ ބަދަލުގައި އެމެރިކާގެ ހަތުރު ޗައިނަގެ ރޯލް ބޮޑުވުމާއި އިސް ދައުރެއް އަދާ ކުރުމަކީ އެމެރިކާ އަށް މެދުއިރުމަތި ގެއްލިދާނެ ހާލަތެއް ކަމަށް މުރާސިލުން ދެކޭ މި ވަގުތުގައި އެމެރިކާގެ ވިސްނުމަކަށް ވާނީ، ގައުމުތައް ސުލްހަވެ އެމެރިކާ ބާކީ ނުވާނެ ފޯމިއުލާއެއް ނެރުމެވެ.