ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުން ޗައިނާ ކުރި ހޯދަމުން އަންނަ ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާގެ ފަތުރުވެރިން އަލުން އަންނަން ފެށީ ޗައިންނާއިން ރާއްޖެއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް ހުޅުވާލި ފަހުން މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި، މާކެޓްގެ 4.2 ޕަސެންޓް ހިއްސާއާ އެކު، މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ޗައިނާއިން ވަނީ 27،700 ފަތުރުވެރިން އައިސްފައެވެ. މިއާއެކު މިހާރު އެ ގައުމު ވަނީ ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިންގެ ލިސްޓުން 7 ވަނަ ހޯދާފައެވެ.

މި އަހަރުގެ މިހާތަނަށް 666،830 ފަތުރުވެރިން ރާއްޖެ އައިސްފައި ވާ އިރު، އެންމެ ގިނައީ ރަޝިއާގެ ފަތުރުވެރިންނެވެ. އެގޮތުން މި އަހަރުތެރޭ ރަޝިއާއިން ވަނީ 79،166 ފަތުރުވެރިން އައިސްފައެވެ. އަދި އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ލިސްޓުގެ ދެވަނައިގައި ވަނީ، 71،289 ފަތުރުވެރިންނާ އެކު އިންޑިއާއެވެ. އަދި ތިންވަނައިގައި ވަނީ 64،063 ފަތުރުވެރިންނާ އެކު ޔޫކޭއެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ލިސްޓުގައި މިއަހަރު ދެން އޮތް ގައުމުތަކަށް ބަލާއިރު، އިޓަލީއާއި، ޖަރުމަނާއި، ޔޫއެސްއޭ ހިމެނެއެވެ. 7 ވަނައިގެ ގާޖަ ޗައިނާ އިން ހޯދާފައިވާ އިރު، އޭގެ ފަހަތުގައި ފްރާންސް، ސްވިޓްޒަލޭންޑް އަދި ސައުތު ކޮރެއާ ހިމެނެއެވެ.

މި އަހަރުގެ ތެރޭގަައި މިހާތަނަށް 6 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އޭޕްރިލް މަހުގެ ތެރޭގައި ރާއްޖެ އަށް އައިސްފައި ވަނީ 142،902 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ ތިން މަހު ރާއްޖެއަށް އައި ފަތުރުވެރިން އެއަށް ވުރެ ގިނަ ކަން ފާހަގަ ކުރެވެއެވެ. ޖެނުއަރީ މަހު 172،499 ފަތުރުވެރިން އައިސްފައިވާ އިރު، ފެބްރުއަރީ މަހު 177،915 ފަތުރުވެރިން އަދި މާޗް މަހު 173،514 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު ވެސް މި އޭޕްރިލް މަހު އައި ފަތުރުވެރިންގެ ނިސްބަތް ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު ދަށެވެ.

2021 ވަނަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާ އިރު، މިދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ހިފި އަމާޒާ ހަމައަށް ވަނީ ވާސިލް ވެފައެވެ. ކޮވިޑް އައުމުގެ ކުރިއަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1.7 މިލިއަންއެވެ. ކޮވިޑުން އަރައިގަތުމަށް ފަހު ރާއްޖެ އިސްތިހާރުކޮށް މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތް ހާސިލް ކުރުމަށް ސަރުކާރުންނާއި، ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަމާޒުގެ ގޮތުގައި ބުނެފައި ވާ 1.8 މިލިއަން ފަތުރުވެރިންގެ ތެރެއިން، ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގާއި 37 ޕަސެންޓް ވަނީ ހާސިލް ވެފައެވެ. ބާކީ އޮތް 8 މަސް ދުވަހުގެ ތެރޭގައި އަމާޒް ހާސިލް ކުރުމަށް ބޭނުން ވަނީ 1.17 މިލިއަން ފަތުރުވެރިން ހަމަކުރުމެވެ.