މަތިންދާބޯޓު ފަހަރަށް އަޅުމަށް ހާއްސަ ޖެޓް ފިއުލް ރައްކާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ ބާޖު، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް މިއަދު ގެނެސްފިއެވެ.

ހަންސާ ކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީގެ އެހީތެރިކަމާއެކު ބަނދެ ނިންމި ބާޖަށް ކިޔަނީ "ލަގަނާ" އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޑެޑިކޭޓެޑް ޖެޓް ފިއުލް ބާޖަށް ކަމަށްވާއިރު އެއީ އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން މާފަރު އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަ ކޮށް ކޮމިޝަން ކުރެވުނު ބާޖެކެވެ.

އަދި ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ފަރުމާކުރި މި ބާޖަކީ ރާއްޖޭގައި މިފަދަ ފިލްޓަރުތަކެއް ހަރުކޮށްފައިވާ ފުރަތަމަ އުޅަނދުކަން ފާހަގަ ކޮށްލެވެއެވެ. ލަގަނާ އާއެކު އިންޑަސްޓްރީގެ ބެސްޓް ޕެރެކްޓިސްއާ އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީން ފެށިގެން ފްލައިޓްއާ ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް ބާޖުގައި ގާއިމުކޮށްފައިވެއެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ، މި ބާޖުގެ ސަބަބުން އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރިކަމާއެކު ގެންދިއުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނަ މި ބާޖަކީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ ބާޖެއް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އަދި ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސްޓީއޯ އިން މާލޭގައި ގާއިމުކުރި ލެބޯޓްރީގައި ޓެސްޓްކުރާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުންވެސް މި ބާޖުގެ ކްރޫންނަށް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ ފޯރުކޮށްދިނުމުގެ އިތުރުން، ކަމާބެހޭ އޮޕަރޭޝަންސް އަދި މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައި ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.