ރަޝިއާއިން 2014 ވަނަ އަހަރު އަތްދަށުލި ޔޫކްރައިންގެ ކްރިމިއާގައި ރަޝިއާއިން ތެޔޮ ރައްކާ ކޮށްފައި ހުރި ތަނެއް ގޮއްވާލައިފިއެވެ.

އާންމުވެފައި ވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯ ކަޅު ދުމާއެކު އަލިފާންވެސް އަރަމުން ދިޔަ އިރު ދުންގަނޑު ވަނީ ވިލާތަކުގެ މަތިންވެސް އަރާފައެވެ.

ރަޝިއާގެ ނޫސް އިދާރާތަކުން ބުނާގޮތުގައި މިހާސިދާގައި ގާންގަނޑަކަށް 1000 ސްކެއާ މީޓަރުގެ ސަރަހައްދެއް ރޯވެ އެނދިއެވެ. މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވާ އިރު އެ އިދާރާތަކުން ބުނީ، ހަމަލާ ދިން ކަމަށް ބެލެވެނީ ޑްރޯނެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް މިހަމަލާގެ ޒިންމާ ޔޫކްރައިންގެ އެއްވެސް އިދާރާއަކުން އަދި އުފުލާފައެއް ނުވެއެވެ.

ޔޫކްރައިނުން އަބަދުވެސް ބުނަމުން ގެންގޮސްފައި ވަނީ ކްރިމިއަ އަކީ އެމީހުންގެ ތަނެއް ކަމަށާއި އެތަން އަނބުރާ އަތުލުމަށް ކުރާ މަސައްކަތް ހުއްތާނުލާނެ ކަމަށެވެ.

ރަޝިއާގެ އިދާރާތަކުން ބުނާގޮތުން، ކްރިމިއާގެ ބަނދަރަށް ޔޫކްރައިން އިން ދޭން އުޅުނު ޑްރޯން ހަމަލާއެއް މިދިޔަ ހޯމަ ދުވަހު ނާކާމިޔާބު ކޮށްލެވިފައި ވެއެވެ. ނަމަވެސް ދެވަނަ ޑްރޯނެއް ބަނދަރުމަތީ ސަރަހައްދުގައި ގޮވާފައި ވާ ކަމަށާއި އޭގެ ސަބަބުން އެސަރަހައްދުގައި ހުރި ބައެއް އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ ކަމަށެވެ.

އާންމުކޮށް ދޭ ޑްރޯން ހަމަލާތަކުގައި ޑްރޯނުން ކުދި މިސައިލް ފޮނުވުމުގެ އިތުރުން ގޮވާ ތަކެތި ހަރުކޮށްފައި ހުންނަ ޑްރޯން އޭގެ މަގާމަށް ގޮސް އަމިއްލަ އަށް ގޮވާ ގޮތަށް ހަމަލާ ދެއެވެ. އެފަދަ ހަމަލާތަކުގައި އަމާޒުތަކަށް ބޮޑެތި ގެއްލުންތައް ވަމުން ދެއެވެ.

ކްރިމިއާގައި މިހާދިސާ ހިނގި ވަގުތަކީ، ރަޝިއާއިން ޔޫކްރައިނަށް ފޮނުވާލި މިސައިލް ހަމަލާއެއްގައި 25 މީހަކު މަރުވެފައި ވާ ވަގުތެއްވެސް މެއެވެ.

ރަޝިއާގެ ހަމަލާތައް މިހާރު ވަރުގަދަ ކުރަމުން ގެންދާ އިރު، ޔޫކްރައިނުން ދަނީ އެއްގަމު މަގުން ރަޝިއާއަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ވެސް ތައްޔާރު ވަމުންނެވެ. އަދި ވައިގެ މަގުން އެފަދަ ވަރުގަދަ ހަމަލާއެއް އުފެއްދުމަށްޓަކައި، އެންމެ ޒަމާނީ ހަނގުރާމަ މަތީ މަތިންދާބޯޓު ދިނުމަށް އެގައުމުން ހުޅަނގަށް ގޮވާލާ ގޮވާލުންވެސް ދަނީ ތަކުރާރު ކުރަމުންނެވެ.