މިއަދު އިޓްލޮސް އިން ޗާގޯސް އާއި ރާއްޖެ އާ ދެމެދު އިން ވަކިކޮށް ނިންމި ގޮތް ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު ވިދާޅުވީ އިޓްލޮސްގެ މިއަދުގެ ނިންމުމުގައި ޗާގޯސްގެ ސިޔާދަތީ ބާރު ދޫކޮށްލަން ރާއްޖެއިން އެއްބަސްވެފައިވާ ކަން ފާހަގަ ކޮށްފައި ވާ ކަމަށާއި އޭގެ ނަތީޖާ އަކީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުން ކަމަށެވެ.

"ޗޯގޮސްގެ އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން މިހާރު މި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފަ. އަޅުގަނޑު ދެކޭ ގޮތުގައި މިކަން ބަލައި ނުގަތުމަކީ ރާއްޖެ އަށް ރަނގަޅު ގޮތް،"
ނަޝީދު

މިއަދު ނިންމާފައި ވަނީ ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ހިސާބު އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. އެ އުސޫލުގެ ދަށުން، ޗާގޯސް ކަނޑުގެ ބޮޑު ސަރަހައްދެއް ރާއްޖެ އަށް ލިބެއެވެ.

އެ މައްސަލައިގައި އިޓްލޮސް އިން ހުކުމް ކުރީ ރާއްޖެ އާއި މޮރިޝަސް އާ ދެމެދު ފުށޫއަރާ ޖުމްލަ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯމީޓަރު ލިބިގެންވާ ކަމަށެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ "ބްލެންހަމް ރީފް"ގައި ބޭސް ޕޮއިންޓު ނުހިމެނޭނެ ކަމަށް ކަނޑައަޅައިގެންނެވެ.

އަދި އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްފް މޮރިޝަސް އަށް ހައްގުވާ ކަމަށް ސާބިތުކޮށްދެވިފައިނުވާތީ، އެ ޓްރައިބިއުނަލުން ވަނީ މޮރިޝަސް އިން އެދުނު ގޮތަށް، އެ ގައުމާއި ރާއްޖެ އާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓް ކުރުމަށް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ

މޮރިޝަސް އާއި ރާއްޖެ އާާ ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެ ކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ އިހްތިސާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019 ގައެވެ.

އޭރު ވެސް އަދި މިހާރުވެސް ޗާގޯސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ. އައިސީޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައިވާ ގޮތުން، ޗާގޯސް ރަށްތަކުގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ކަނޑުގެ ސަރަހައްދަކީ ދެކުނުގެ މަސްވެރިން، ހާއްސަގޮތެއްގައި އައްޑޫގެ މަސްވެރިންގެ މަސްވެރިކަމަށް ވަރަށް މުހިންމު ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދު އެހެން ބަޔަކަށް ދޫކޮށްލުމަށް އެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ހިލާފު އުފެދިގެންދާ ސަރަހައްދަށް ބަލާއިރު، އެއީ މަސްވެރިކަން ތިޔާގި ސަރަހައްދަކަށް ވުމާއި، ރާއްޖޭން ބޭރުކުރާ ބާވަތްތަކުގެ ނިސްބަތަށް ބަލާއިރު 92 ޕަސެންޓް ހިއްސާ ކުރަނީ މަހުގެ ބާވަތްތައް ކަމަށް ވާތީ، އެ ސަރަހައްދުން ބައެއް ރާއްޖޭގެ ހިޔާޒަތުން ދޫވުމަކީ ރާއްޖޭގެ އިގްތިސާދަށާއި މަސްލަހަތަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.