ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަކު ކުންފުނީގެ ފައިސާއިން ވައްކަން ކުރުމުން ވަޒީފާއިން ވަކިކޮށް އެ ފައިސާ ދެއްކުމަށް އަންގައިފިއެވެ.

ވަޒީފާއިން ވަކިކޮށްފައި ވަނީ އައްޑޫ ސިޓީ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 1 ލައްކައަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އޭނާ ވަގަށް ނަގާފައިވާއިރު އެ ފައިސާ ވަގަށް ނަގާފައި ވަނީ ފެޓީ ކޭޝްގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާއިންނެވެ. އޭނާއަކީ ޕެޓީ ކޭޝްއާ ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވާއިރު 7 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ.

މީގެ ކުރިން ވެސް ޕެޓީ ކޭޝްއިން ވައްކަން ކުރުމުގެ މައްސަލަތައް ފެންމަތިވެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު ފެނަކަ ކޯޕަރޭޝަނަކީ އެންޓި ކޮރޮޕްޝަން ކޮމިޝަނުންގެ ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކޮށްފައިވާ ކުންފުންޏެކެވެ.