ކަސްޓަމަރުންގެ ޓެލެކޮމިއުނިކޭޝަން އާ ގުޅުން ހުރި މައުލޫމާތު ތަކަކީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާ ބެހޭ ގާނޫނު ގެ ދަށުން ރައްކާތެރި ކުރެވިފައި ވާ މައުލޫމާތު ކަމަށާއި އެ މައުލޫމާތު ހިއްސާ ކުރެވޭނެ އުސޫލުތައް ޓެލެކޮމިއުނިކޭޝަންސް އާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި ވާ ކަމަށް އުރީދުން ބުނެފިއެވެ.
ކަސްޓަމަރުންގެ މުވާސަލާތީ ކަންކަކަމާބެހޭ މައުލޫމާތުގެ ކަސްޓޯޑިއަންގެ ހައިސިއްޔަތުން އެމައުލޫތައް ގާނޫނާ އެއްގޮތަށް ރައްކާތެރި ކުރުމަކީ އުރީދޫގެ އެންމެ މުހިންމު އެއް ޒިންމާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އުރީދުން މިހެން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯސީ ކޮމިޓީން އެކުލަވާލި ރިޕޯޓެއްގައި، ސްކޭމް ކޯލްތަކުގެ މައްސަލައިގައި އެ ކޮމިޓީއަށް ފުލުހުން ދީފައިވާ މައުލޫމާތުގައި، ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭ ފަރާތްތަކުން ފޯރުކޮށްދޭން އެއްބަސްވެފައިވާ ހުރިމާ މައުލޫމާތެއް ނުލިބޭ ކަމަށް ބުނެފައި އޮތުމާއެކު އެކަން ސާފުކޮށް ދިނުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގައި ހިނގަމުންދާ ގިނަ ސްކޭމްތަކަކީ ޖަލުތަކުގެ ތެރެއިން ހިނގަމުންދާ އަމަލުތަކެއް ކަމަށް ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ބެލެވޭތީ އެކަން ކުރަމުންދާ ފަރާތްތައް ދެނެގަތުމަށް ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އަދި މުޖްތަމައުގެ ލާބަޔަށް މާފުށީ ޖަލުގެ ތެރޭގައި، ހަނީޕޮޓް ޓަވަރެއް އޫރީދޫގެ ހަރަދުގައި ވަނީ ޖަހައިދީފައެވެ. އަދި ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތުގެ މަތިން އެ ޓަވަރަށް ޕިންގް ވާ ނަންބަރުތައް އަދި ޓެލެކޮމިއުނިކޭޝަންސް އާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރެއިން ހިއްސާ ކުރެވޭނެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިފައިވާ ފޯމެޓަށް އެއްބަސްވެފައިވާ ގޮތުގެ މަތިން ހިއްސާ ކުރަމުންދާ ކަމަށް އުރީދުން ވަނީ ބުނެފައެވެ. އަދި މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހުށަހަޅާފައިވާ ފޯމެޓަށް އެކިފަހަރުމަތިން އެފަރާތުން އެދިފައިވާ ބަދަލުތަކާ އެއްގޮތަށް މައުލޫމާތު ހިއްސާ ކުރެވެމުން ދާކަމުގެ ޔަގީންކަންވެސް ދެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ހިނގަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ދައުލަތުން ކުރަމުންދާ އެންމެހައި މަސައްކަތްތަކުގައި ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ތަރަހައިގެ ތެރެއިން އުރީދޫއައް ދެވެންހުރި އެންމެހައި އެއްބާރުލުން ދައުލަތުގެ ހުރިހާ އިދާރާއަކަށް އެންމެ ފުރިހަމައަށް ފޯރުކޮށްދީފައި ވާނެކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދައުލަތަށާއި ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.
އުރީދޫ އަކީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު: 43/2015) ގެ ދަށުން ރެގިއުލޭޓް ކުރެވިފައިވާ ހިދުމަތް ދޭ ފަރާތެކެވެ.