މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކޮށް މިދިޔަ އަހަރު ފާސްކުރި ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްނުކޮށް އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފިއެވެ.

މިދިޔަ ޖޫން މަހު މަޖިލިހުން ފާސްކޮށް ޖުލައި މަހު ސަރުކާރުން ތަސްދީދުކުރި ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުން:

  • ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުމަށް ކޯޓުތަކުން މަޖުބޫރުކުރެވޭނެ
  • ކޯޓުތަކަށް އެގޮތަށް މަޖުބޫރުކުރުވޭނީ މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެހެން ފަރާތަކަށް ލިބޭނެ ގެއްލުން ކުޑަ ކަމަށް ކޯޓުތަކަށް ފެންނަ ހާލަތުގައި

އޭގެ އިތުރުން، އެ ގާނޫނުގެ ސަބަބުން، މަސްދަރު ހާމަކުރުމުގެ ސަބަބުން އިތުރު މަސްދަރު ހޯދައި، އެ މަސްދަރުތަކުގެ ސަބަބުން އިތުބާރު ހުރި މައުލޫމާތު ހޯދަން ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަކަމަށް ކޯޓުތަކަށް ފެންނަ ހާލަތުގައި މަސްދަރު ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެއެވެ.

ހަމަ އެއާއެކު، "ގައުމީ ސަލާމަތަށް ނުރައްކާވާ" ފަދަ މައުލޫމާތު ހާމަކުރުން ހިމެނޭ ކަމަށް ވެސް އެ ގާނޫނުގައިވެއެވެ. ނަމަވެސް އެފަދަ މައުލޫމާތުތަކަކީ ކޮބައިކަން އެ ގާނޫނުގައި މާނަކޮށްފައެއް ނެތެވެ.

އެ މައްސަލައިގައި ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖު ކޮށްފައި ވަނިކޮށް، ސަރުކާރުން ވަނީ އިތުރު އިސްލާހުތަކެއް ފޮނުވައިފައެވެ. އެއާއެކު ޖުޑީޝަރީ ކޮމިޓީން ވަނީ:

  • މަސްދަރު ހާމަކުރަން އެންގޭނީ ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް، އަދި އެ ނިންމުން ނިންމޭނީ ހައިކޯޓަށް ކަމަށް ކަނޑައަޅައިފަ
  • ގައުމީ ސަލާމަތަށް ނުރައްކާވުން މާނަކޮށްފަ

ނަމަވެސް، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ވޯޓާ އެކު އެ އިސްލާހުތައް ފާސްވާ ގޮތެއް ނުވިއެވެ. ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ 31 މެންބަރުން ވޯޓު ދެއްވީ އެ ބިލު ފާސްކުރުމާ ދެކޮޅަށެވެ. އެ އިސްލާހުތަކާ އެއްކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެހެންވެ، އިސްލާހުތައް ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފައެވެ.