ސިންގަޕޫރަށް 1 ކިލޯގެ ކެނަބިލް އެތެރެ ކުރުމަށް އެހީތެރިވެ ދިން ކަމަށް ތުހުމަތުވި މީހާ އަށް ހުކުމް ތަންފީޒު ކޮށް މަރާލައިފިއެވެ.

މިއަދު ހުކުމް ތަންފީޒު ކުރާ ގޮތަށް އޮތުމާއެކު އޭނާގެ އާއިލާއިންނާއި އދ އަދި އިނގިރޭސި ބިލިއަނަރު ރިޒާޑް ބްރޭންސަން، އެކަން އެގޮތަށް ނުކުރުމަށް ސިންގަޕޫރު ސަރުކާރަށް ގޮވާލަމުން ދަނިކޮށް މިއަދު އޭނާ މަރާލީ ދަންޖައްސައެވެ.

ތަންގަރަޖޫ ސުއްޕިއާ (46އ) މަރާލުމުގެ ކުރިން އޭނާގެ އާއިލާއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އޭނާ އަށް މާފުދިނުމަށް އާދޭސް ކޮށް ސިނަގްޕޫރެ ރައީސަށް އެތައް ހާސް ސިޓީއެއް ފޮނުވާފައެވެ.

ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް އިޖާބަ ދިނުމެއް ނެތި، މަސްތުވާތަކެއްޗާ ގުޅޭގޮތުން ސިންގަޕޫރުގައި އޮންނަ ހަރުކަށި ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ހުކުމް ތަންފީޒު ކުރުމުން ދުނިޔޭގެ ސަމާލުކަން އެކަމަށް ވަނީ ހުއްޓިފައެވެ.

މިއީ މިދިޔަ އަހަރު ޑްރެގް ޓްރެފިކިންގެ މައްސަލައެއްގައި މެލޭޝިއާ މީހަކު މެރި ފަހުން އިތުރު މީހަކު މަރާލި ފުރަތަމަ ފަހަރެވެ.

ތަންގަރަޖޫ މައްޗަށް ކުށް ސާބިތު ވެފައި ވަނީ، ސިންގަޕޫރަށް އެތެރެ ކުރި 1 ކިލޯގެ ކެނަބިސް އެތެރެ ކުރުމުގައި އެހީތެރިވެ ދީފައި ވާތީ ކަމަށް ބުނި ނަމަވެސް ހަބަރުތަކުން ބުނާ ގޮތުން އޭނާގެ މައްޗަށް ލިބިފައި ހުރީ ވަރަށް ބަލި ހެކި ތަކެކެވެ. އެހެން ނަމަވެސް އެކަމުގައި އޭނާ އެހީތެރިވި ކަން ސާބިތު ވާތީ މަރަން ވަނީ ހުކުމް ކޮށްފައެވެ.

2013 ވަނަ އަހަރު ސިންގަޕޫރަށް އެތެރެ ކުރި ޕާރުސަލެއްގައި ހުރި 1 ކިލޯގެ ކެނަބިސް މައްސަލައިގައި ތަންގަރަޖޫ ހައްޔަރު ކުރި އިރު، އޭނާގެ ބައިވެރިވުން އޮތް ކަމަށް ބުނަނީ، އެ ޕާރުސަލް ސިންގަޕޫރަށް އެތެރެ ވުމުގައި އެހީތެރިވެ ދިނުމުގައެވެ. އަދި އެއީ ޕާރުސަލް ދެލިވާ ކުރި މީހާ ތަންގަރަޖޫއަށް ދެފަހަރު ގުޅާފައި އޮތް އޮތުން ކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި ތަންގަރަޖޫ ބުނަމުން އައިސްފައި ވަނީ، އެފަދަ މުއާމަލާތެއް އޭނާ ކޮށްފައި ނުވާނެ ކަމަށާއި، އޭނާ ކުރިން ގެންގުޅުނު ފޯނެއް ގެއްލިފައި ވީ ނަމަވެސް އެއީ އޭނާގެ ފޯނެއް ނޫން ކަމަށެވެ.

މި މައްސަލައިގެ އެންމެ ފަހު މަރުހަލާގައި ތަންގަރަޖޫ އަށް ތަރުޖަމާނެއްވެސް ލިބިފައި ނުވާ އިރު ވަކާލާތު ކުރީ އޭނާ އަމިއްލައަށް ކަމަށާއި މައްސަލަ ބެލި ފަނޑިޔާރުން ހުކުމާ ހަމައަށް ދިޔައީ ދިފާއުވުމުގެ ހުރިހާ ފުރުސަތެއް ނުދީ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.