މިދިޔަ ބޮޑު އީދު ބަންދާ ދިމާކޮށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި، އޭނާއާ ދައްކަވާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ ދަތުރުފުޅަކީ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގައި އޭނާއާ ބައްދަލުކުރައްވަން ކުރެއްވި ދަތުރެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ އެކްޓިވިސްޓުން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެއީ "ދޮގުގެ ވެސް އެހެން ލެވެލްއެއް" ގެ ބުހުތާނު ދޮގެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ދަތުރުފުޅަކީ އާއިލާއާ އެކު ކުރެއްވުމަށް މާކުރިންސުރެ ރާއްވަވާފައިވާ ދަތުރުފުޅެކެވެ. އަދި އެއީ އާއިލީ ޗުއްޓީއެއްކަން ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރާއި، ހައި ކޮމިޝަނުގެ މުވައްޒަފުންގެ އިތުރުން އެމްއޭސީއެލްގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ވެސް ހަމަ މިފަދަ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އޭނާ އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއެކު، ހުސްވި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދުގެ ޖަލްސާގައި ވަނީ އިންތިހާބު ކުރައްވާފައެވެ.