ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް، ދުނިޔޭގެ މަޝްހޫރު ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 'ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޭންޑް ޕްރީ' ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، ބީއެމްއެލްގެ އެމެކްސް ޕްލެޓިނަމް ނުވަތަ އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާއެކު މި ތަފާތު ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ފޯމިއުލާ 1 ސިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސްއާއެކު އެމެކްސް ސްކައި ސޫޓް (Amex Sky Suite) ގެ 2 ޓިކެޓް.
  • ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ޓިކެޓް.
  • އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަން.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހިންގޭ ޕްރޮމޯޝަނެކެވެ.

މި ފުރުސަތުގެ ސަބަބުން ކަސްޓަމަރުންނަށް ދުނިޔޭގެ އެންމެ ފޯރިގަދަ އެއް ކުޅިވަރު މުބާރާތް، އެންމެ މަތީ ފަންތީގެ ހިދުމަތްތަކާއެކު ތަޖުރިބާކޮށްލުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.