ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ހއ. މޮޅަދޫ، އަބްދުﷲ އަލިމަނިކު ކުރިން އެހެން މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާއަށް މައާފުދީ ދޫކޮށްލި ސަބަބު ހާމަކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މި މައުލޫމާތު ހޯދަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ފޮނުވި ސިޓިގައި ވަނީ އަލިމަނިކު ދޫކޮށްލި ސަބަބު ސާފުކުރުމަށް މަޖިލީހުގެ ސަލާމަތާ ގުޅޭ ކޮމިޓީ، 241 އިން ދެ ފަހަރެއްގެ މަތިން ރައީސް އޮފީހަށް ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް ރައީސް އޮފީހުން މިކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށެވެ.
މަޖިލީހުގެ ރިޔާސަތަށް އެޑްރެސްކޮށް ހަސަން ލަތީފު ފޮނުއްވި ސިޓީގައި އެ މައުލޫމާތު ހޯދައިދިނުމަށް އެދިވަޑައިގެންފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުން މިކަމަށް އެދިވަޑައިގަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައުލޫމާތު މަޖިލީހަށް ފޯރުކޮށްދިނުމަށް ވަރަށް އަދަބުވެރިކަމާ އެކު އެދިވަޑައިގަންނަވާ ކަމަށެވެ.
ހިމަންދޫގައި 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހިންގި ހަމަނުޖެހުންތަކުގައި ކުށް ސާތިބުވެ ޖަލަށްލާފައި ހުރި އަލިމަނިކު ވަނީ އެތައް ފަހަރެއްގެ މަތިން ޖަލުން ފިލާފައެވެ. 2008 ވަނަ އަހަރު އަލިމަނިކު ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ފުލުހުން ވަނީ އޭނާ އަތުލައިގެންފައެވެ. އަލިމަނިކު މަނިވަންވެފައި ވަނިކޮށް، 2021 ވަނަ އަހަރު ފުލުހުން އަނެއްކާވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އަލިމަނިކުގެ މައްޗަށް ތުހުމަތުކުރެވިފައި ވާ ހަރުކަށި ފިކުރަށް ތާއީދު ކުރުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ދާތީ މި ވަގުތު ޖަލުގައި ހުރި އަލިމަނިކު، 2019 ވަނަ އަހަރު ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ދޫކޮށްލި ސަބަބާ ގުޅޭ ގޮތުން އޭރު ގިނަ ބަޔަކުވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.