ސްޓެލްކޯ އިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައިފިއެވެ.

މެނޭޖިންގް ޑިރެކްޓަރު، އަހްމަދު ޝަރީފްގެ ބެއްލެވުމުގެ ދަށުން އެކުލަވާލި މި ޓީމްގެ ހާއްސަ ބޭނުމަކީ ހޫނު މޫސުމާ ގުޅިގެން، ރެކޯޑް އަދަދަކަށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މެދު ނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުލަވާލި ޓީމެއް ކަމަށް ވެއެވެ.

މިއީ ހޫނު ދުވަސްވަރެއް ކަމުން، ކަރަންޓް ބިލްތަކަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކަމާ ބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ވަނީ ހާއްސަ ސެޝަން ތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެ ސެޝަންތަކުގައި މޫސުމާ އެކު ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކާއި، ޕީކް ޓްރެންޑުގެ އިތުރުން، ކުންފުނީގެ ބިލިން ޕްރޮސެސްއާއި، އެނޫންވެސް ކަމާ ގުޅުންހުރި މައުލޫމާތު ވަނީ ފަންނީ ބޭފުޅުން މެދުވެރިކޮށް ފޯރުކޮށްދީފައި ވެއެވެ.

މީގެ އިތުރުންވެސް މި ދުވަސްވަރު ހޫނު ގަދަވުމާއި ގުޅިގެން އެ ކުންފުނިން ވަނީ ޕީކް ލޯޑު ދަށްކުރުމަށްޓަކައި، ކުންފުނީގެ ހުރިހާ އެއާ ކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ނިންމާފައެވެ.

އަދި ކުރިއަށް އޮތް މަސްދުވަހު ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި ކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމުގެ އިހުތިޔާރު ހުރިހާ މުވައްޒަފުންނަށް ދީފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ މައުލޫމާތު ދީފައެވެ. އަދި މިއީ މުވައްޒަފުން ހޫނުން ސަލާމަތްވުމަށްޓަކައި ދިން އިހްތިޔާރެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.