މެލޭޝިއާ މަގުން ސިންގަޕޫރަށް 1 ކިލޯގެ ކެނަބިސް އެތެރެ ކުރުމުގައި އެހީތެރިވެ ދިން ކަމުގެ ކުށް ސާބިތުވި އުމުރުން 46 އަހަރުގެ މީހަކު މާދަމާ މަރާލަން އެގައުމުން ތާވަލު ކޮށްފިއެވެ.

މިއީ މިދިޔަ އަހަރު ޑްރެގް ޓްރެފިކިންގެ މައްސަލައެއްގައި މެލޭޝިއާ މީހަކު މެރި ފަހުން އިތުރު މީހަކު މަރާލަން ތާވަލް ކުރި ފުރަތަމަ ފަހަރެވެ.

ތަންގަރަޖޫ ސުއްޕިއާ ނަމަކަށް ކިޔާ މީހާގެ މައްޗަށް ކުށް ސާބިތު ވެފައި ވަނީ، ސިންގަޕޫރަށް އެތެރެ ކުރި 1 ކިލޯގެ ކެނަބިސް އެތެރެ ކުރުމުގައި އެހީތެރިވެ ދީފައި ވާތީ ކަމަށް ބުނި ނަމަވެސް ހަބަރުތަކުން ބުނާ ގޮތުން އޭނާގެ މައްޗަށް ލިބިފައި ހުރީ ވަރަށް ބަލި ހެކި ތަކެކެވެ. އެހެން ނަމަވެސް އެކަމުގައި އޭނާ އެހީތެރިވި ކަން ސާބިތު ވާތީ މަރަން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލައިގައި ތަންގަރަޖޫގެ އާއިލާއިން، އާދޭސް ކޮށް އެތައް ސިޓީއެއް ސިންގަޕޫރުގެ ރައީސަށް ފޮނުވާފައި ވީ ނަމަވެސް އެކަމަށް ސިންގަޕޫރުނ ރިއާއަތް ކޮށްފައި ނުވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. ތަންގަރަޖޫގެ އާއިލާގެ އިތުރުން އިނގިރޭސި ބިލިއަނަރު ރިޗާޑް ބްރޭންސަން ވެސް ވަނީ މިދިޔަ އަހަރުގެ މަރާ ގުޅިގެން އޭނާ އަޑުއުފުލި ގޮތަށް މި ކަމުގައިވެސް އަޑު އުފުލައި އެކަން އެގޮތަށް ނުކުރުމަށް ސިންގަޕޫރު ސަރުކާރަށް ގޮވާލާފައެވެ. އޭނާ ބުނެފައި ވަނީ، ރައީސްގެ އަފްއާންމަށް އާއިލާއިން އެދިފައި ވަނިކޮށް އޭނާ މެރުން ހުއްޓުވައި އެ ކޭސް އަލުން ބަލައިދޭން ޖެހޭ ކަމަށެވެ.

ތަންގަރަޖޫ ސުއްޕިއާގެ ދައްތަ (މ) އެކްޓިވިސްޓުންނާ އެކު އާދޭސް ދެންނެވުމަށް އިހުތިޖާޖު ކުރަނީ

2013 ވަނަ އަހަރު ސިންގަޕޫރަށް އެތެރެ ކުރި ޕާރުސަލެއްގައި ހުރި 1 ކިލޯގެ ކެނަބިސް މައްސަލައިގައި ތަންގަރަޖޫ ހައްޔަރު ކުރި އިރު، އޭނާގެ ބައިވެރިވުން އޮތް ކަމަށް ބުނަނީ، އެ ޕާރުސަލް ސިންގަޕޫރަށް އެތެރެ ވުމުގައި އެހީތެރިވެ ދިނުމުގައެވެ. އަދި އެއީ ޕާރުސަލް ދެލިވާ ކުރި މީހާ ތަންގަރަޖޫއަށް ދެފަހަރު ގުޅާފައި އޮތް އޮތުން ކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި ތަންގަރަޖޫ ބުނަމުން އައިސްފައި ވަނީ، އެފަދަ މުއާމަލާތެއް އޭނާ ކޮށްފައި ނުވާނެ ކަމަށާއި، އޭނާ ކުރިން ގެންގުޅުނު ފޯނެއް ގެއްލިފައި ވީ ނަމަވެސް އެއީ އޭނާގެ ފޯނެއް ނޫން ކަމަށެވެ.

މި މައްސަލައިގެ އެންމެ ފަހު މަރުހަލާގައި ތަންގަރަޖޫ އަށް ތަރުޖަމާނެއްވެސް ލިބިފައި ނުވާ އިރު ވަކާލާތު ކުރީ އޭނާ އަމިއްލައަށް ކަމަށާއި މައްސަލަ ބެލި ފަނޑިޔާރުން ހުކުމާ ހަމައަށް ދިޔައީ ދިފާއުވުމުގެ ހުރިހާ ފުރުސަތެއް ނުދީ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ސިންގަޕޫރަކީ މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް އެންމެ ހަރުކަށި ދޭ އެއް ގައުމެވެ. އެގައުމުން އެ މަގަށް އަމަލު ކުރަނީ، އެ ނުބައި ވަބާއިން މުޖުތަމައު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް ބުނެއެވެ.

ސިންގަޕޫރާ ހިޅާފަށް ދިވެހިރާއްޖެ އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކޯޓު މަރުހަލާގެ ތެރެއިން އެންމެ ފަސޭހައިން ދެމިގަނެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މިފަހުގެ ރެކޯޑްތައް ދައްކާ ގޮތުންވެސް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކޮށް، އަދި ރެޑްހޭންޑްކޮށް ހިފި އެތައް ބަޔަކު ވަނީ ކޯޓު މަރުހަލާގެ ތެރެއިން މިނިވަން ވެފައެވެ.