ރައީސް ޖެވެނެލް މޮއިސޭ 2021 ގައި އަވަހާރަ ކޮށްލި ފަހުން ގާނޫނީ ހުކޫމަތެއް ނުހިނގާ ހެއިޓީގައި އާންމުންގެ ބަޔަކު ނުކުމެ ގޭންގެއްގެ 13 މެންބަރު އަތުލަތައި ތަޅާ އަނިޔާކޮށް، އަލިފާން ޖަހާ ރޯކޮށްލައިގެން މަރާލައިފިއެވެ.

ހެއިޓީގެ ޕޯޓް އައު ޕްްރިންސް ސަރަހައްދުގައި އިއްޔެ ހިނގި މި ހާދިސާގައި އާންމުން، ގޭންގާ ކުރިމަތިލީ އެމީހުންގެ އަތުގައި ހަތިޔާރުވެސް ހުއްޓައެވެ. އެމީހުން ދުއްވަމުން ދިޔަ ވެހިކަލް ހުއްޓުވައި ކުރިމަތިލުމަށް ފަހު އަރައިގަނެ އެމީހުންގެ އަތުން ހަތިޔާރުތައްވެސް ވަނީ އަތުލާފައެވެ. އެއަށް ފަހު ތަޅާ އަނިޔާކޮށް، އެމީހުންގެ ގައިގާ ޓަޔަރު އަޅުވައި ސާފުތެޔޮ ޖެހުމަށް ފަހު ރޯކޮށްލީއެވެ.

އދ އިން އާންމުކޮށްފައި ވާ ރިޕޯޓެއްގައި ބުނާ ގޮތުން ވެސް، ހެއިޓީ އަކީ މިހާރު ހަނގުރާމަ ވެރި ސަރަހައްދަކަށް ވުރެ ހާލަތު ގޯސްވެފައި ވާ ތަނެކެވެ. ހަތިޔާރު އެޅި ތަފާތު ގޭންގް ތަކުން އެމީހުންގެ ބާރު ގަދަކޮށް ކޮންޓްރޯލް ކުރާ ސަރަހައްދު ފުޅާ ކުރަމުން ދިޔުމާއި، އިދިކޮޅު ގޭންގްތަކާ ތަޅާފޮޅާ ހަމަލާ ދީ މެރުމާއި ފުލުހުންނާ ކުރިމަތިލައި ބަޑިޖަހާ މެރުން ފަދަ ކަންކަން އާންމު ވެފައި ވާ ކަމަށް ބުނެއެވެ.

އެގޮތުން މި ހިނގާ އޭޕްރީލް މަހުގެ 14 އިން 19 އާ ދެމެދު އެކަނިވެސް، އެ ފަދަ ކުރިމަތިލުންތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާ ކަމަށާއި އޭގެ ތެރޭގައި އާންމުންގެ ތެރެއިން 18 އަންހެނަކާއި 2 ކުޑަކުދިން ހިމެނޭ ކަމަށް އދ އިން ރިޕޯޓް ކުރެއެވެ.

ބާރުގެ ބޭނުން ކޮށްގެން ސްކޫލުތަކާއި ހޮސްޕިޓަލްތައް ވެސް ބަންދު ކުރުވާފައި ވާ އިރު، ކާބޯތަކެއްޗާއި އަސާސީ ހިދުމަތުން އާންމުން މަހުރޫމްވަމުން ދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކެރީބިއަންގައި ހިމެނޭ ހެއިޓީގެ ރައީސް އަވަހާރަ ކޮށްލުމަށް ފަހު ގައުމު ހިނގެވުމާ ހަވާލުވެ ހުންނެވީ ބޮޑުވަޒީރު އޭރިއަލް ހެންރީއެވެ. ނަމަވެސް ގޭންގްތައް ކޮންޓްރޯލް ކުރުމުގައި އޭނާ ވަނީ ނުކުޅެދިފައި ކަމަށާއި ވެރިރަށުގެ 60 ޕަސެންޓް ވަރުގެ ސަރަހައްދެއްގެ ކޮންޓްރޯލް އޮތީ އެކިއެކި ގޭންގްތަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ހެއިޓީގެ ހާލަތު ގޯހުން ގޯހަށް ގޮސް ކޮންޓްރޯލުން ނައްޓާފައި ވާ އިރު، ހެންރީ އާއި އދ އިން ވަނީ، ގޭންގްތައް މައިތިކޮށް ހެއިޓީގައި ސުލްހަ ބަލަހައްޓާ ފައުޖެއް ބޭތިއްބުމަށް ގައުމުތަކަށް ގޮވާލާފައެވެ. ނަމަވެސް އެއްވެސް ގައުމަކުން މިހާތަނަށް އެކަމުގައި އިޖާބައެއް ދީފައެއް ނުވެއެވެ. އަދި އެކަމުގައި އެމެރިކާއިން ކެނެޑާއަށް ޕްރެޝާ ކުރަމުން ދިޔަ ނަމަވެސް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޭވެސް އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ.

ހެންރީ އާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނާ ގޮތުން، ހެއިޓީގައި ސުލްހަ ގާއިމު ކުރެވިގެން މެނުވީ، ނުބޭއްވި ދިގުލައި ގޮސްފައިވާ އާންމު އިންތިހާބުވެސް ބޭއްވޭކަށް ނެތެވެ.