ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހައިޓީގެ އެމެރިކާ ދަރިކޮޅުގެ މީހަކީ، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އޭޖެންސީގެ އިންފޯމަންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވާ މީހެއް ކަމަށް، އެ އިދާރާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މޮއީސް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ހައިޓީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިޓީގެ އެމެރިކާ ދަރިކޮޅުގެ 2 ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އުމުރުން 55 އަހަރާއި 35 އަހަރުގެ މި 2 މީހުން ހައްޔަރުކޮށް، ކޮލަމްބިއާގެ 26 މެންބަރުންގެ ޓީމާ ގުޅުނު ކަމުގެ ދައުވާ، އެމީހުންގެ މައްޗަށް ވަނީ އުފުލާފައެވެ. މޮއީސް އަވަހާރަކޮށްލާފައިވަނީ މި 28 މެންބަރުންގެ ޓީމުން ކަމަށް މައުލޫމާތު ލިބެއެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އޭޖެންސީއިން ވާހަކަދެއްކެވި އޮފިޝަލު ވަނީ، އުމުރުން 55 އަހަރުގެ މީހާއާއި 35 އަހަރުގެ މީހާގެ ތެރެއިން، އެ އިދާރާގެ އިންފޯމަންޓެއްގެ ގޮތުގައި މަސައްކަތް ކުރީ ކާކުކަން ހާމަ ކުރައްވަން އިންކާރު ކުރައްވާފައެވެ.

ތަންފީޒީ ބާރުގެ މަސްދަރުތަކުން ވަނީ، އިންފޯމަންޓެއް ކަމަށް ބުނާ މީހަކީ މިވަގުތު އެމެރިކާގެ ހިދުމަތުގައި ހުރި މީހެއް ނޫން ކަމަށް ބުނެފައެވެ.

މޮއީސް އަވަހާރަކޮށްލި ހާދިސާގައި، ހައިޓީގެ އެމެރިކާ ދަރިކޮޅުގެ 3 ވަނަ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ކްރިސްޓިއަން އިމެނުއަލް ސެނޮން ނަމަކަށް ކިއާ މި މީހަކީ، ހައިޓީއިން ތުހުމަތު ކުރާ ގޮތުގައި، ހަމަލާގެ މޭސްތިރިއެކެވެ.

މި ދަނޑިވަޅުގައި އެމެރިކާއިން ދަނީ ހައިޓީގައި އާ އިންތިހާބެއް ބޭއްވުމަށް ބާރު އަޅަމުންނެވެ. ނަމަވެސް ހައިޓީގެ ރައްޔިތުން ދަނީ، މިކަމުގައި އެމެރިކާއިން އަމަލު ކުރަމުން ދާ ގޮތާ ދެކޮޅަށް އަޑުއުފުލަމުންނެވެ.