ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހައިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 304 އަށް އަރާ، 1800 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ރެކްޓާ މިންގަނޑުން 7.2 ގެ ބާރު މިނުގައި ހައިޓީގެ ހުޅަނގަށް އައި ބިންހެލުމުގައި އުމްރާނީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހައިޓީގެ ބޮޑުވަޒީރު އޭރިއަލް ހެންރީ ވަނީ، ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާ ކަމަށް ވިދާޅުވެ، 1 މަސް ދުވަހުގެ މުއްދަތަށް ސްޓޭޓް އޮފް އެމާޖެންސީ އިއުލާން ކުރައްވާފައެވެ.

ބޮޑުވަޒީރު ވަނީ، ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވީ ސަރަހައްދު، ވައިގެ މަގުން ބައްލަވާ ލައްވާފައެވެ.

ހޮނިހިރު ދުވަހު ހައިޓީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، ވަގުތުން ވަގުތަށް، އެމެރިކާގެ އެހީގެ އިޖާބަ އެކްޓިވޭޓް ކުރައްވާފައެވެ. އަދި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުން ވަޒަންކޮށް، އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމާ ގުޅޭ ކަންކަން ވަޒަން ކުރަމުން ދާނެ ކަމަށްވެސް ބައިޑަން އިއުލާން ކުރައްވާފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ، ޒަހަމްވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި 7.2 ގެ ބިން ހެލުމާ ގުޅިގެން އިތުރު 5 ލޮޅުމެއް އަރާފައި ވާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އޯގަސްޓް 14، 2021 ވީ ހޮނިހިރު ދުވަހު ހައިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި ސުންނާފަތި ވެފައިވާ ސަރަހައްދެއް / ފޮޓޯ: ޓްވިޓާ

ހައިޓީއަކީ، 2010 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމުން ކުރިމަތިވި ގެއްލުންތަކުން އަދިވެސް މުޅިން އަރައި ނުގަނެވި އޮތް ގައުމެކެވެ. އެ ފަހަރުގެ ބިންހެލުމުގައި 200000 މީހުންގެ ފުރާނަ ގެއްލި، އުމްރާނީ ގޮތުންނާއި އިގުތިސޯދީ ގޮތުން ބޮޑެތި ގެއްލުންތަކެއް، ހައިޓީއަށް ވަނީ ލިބިފައެވެ.

11 މިލިއަނެއްހާ މީހުންގެ އާބާދީ އޮންނަ ހައިޓީގެ 59 ޕަސެންޓް މީހުން ދިރިއުޅެނީ، އިންތިހާ ފަގީރު ކަމުގެ މިންގަނޑަށް ވުރެ ދަށުގައެވެ.