ނުރައްކާތެރި ގޭންގް މާރާމާރީއާއި، ހަކަތައިގެ ސަޕްލައިގެ ދަތިކަން ކުރިމަތިވުމާއި، ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމާއެކު ހައިޓީގެ ވެރިރަށް ޕޯޓޯ ޕްރިންސް، މުޅިންހެން ހުއްޓުމަކަށް އަތުވެއްޖެއެވެ.
އދއިން އަންދާޒާ ކުރާ ގޮތުގައި ހައިޓީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުން ނުވަތަ ޒަހަމްވީ މީހުންގެ އަދަދު 234 އަށް އަރައެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތަކެއްވެސް މިހާރު ދަނީ ފެންމަތިވަމުންނެވެ.
ޑެޕިއުޓީ މޭޔާ ޖީން ހިސްލެއިން ފްރެޑްރިކް ވިދާޅުވީ، ސިޓީ ސޮލެއިލް އަވަށުގައި، ހުސްވި ހަފުތާގައި ހަމަނުޖެހުންތައް ހިންގަން ފެށީ، ދެކޮޅުވެރި 2 ގޭންގެއްގެ މެދުގައި ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން ކަމަށެވެ. އިސާހިތަކު ހުރިހާ ހިސާބަކަށް ހަމަނުޖެހުންތައް ފެތުރި، ހުޅުގަނޑު ފަޅައިގެން ދިޔައީ ކަމަށް މައުލޫމާތު ލިބެއެވެ.
ޑޮކްޓާޒް ވިތައުޓް ބޯޑާޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ބޯފެނާއި، ކާބޯތަކެތީގެ އިތުރުން ސިއްހީ ފަރުވާ ނުލިބި، ބަންދުވެފައި ވާ މީހުންގެ އަދަދު އެތައް ހާހަކަށް ވަނީ އަރާފައެވެ. އެ ޖަމާއަތުން ދަނީ، ހަމަނުޖެހުންތަކުން އާންމު، މަދަނީ ފަރުދުން ސަލާމަތް ކުރުމަށް، ގޭންގުތަކުގެ ކިބައިން އެދެމުންނެވެ. އަދި މައި ރަށުން މުޅިންހެން ގުޅުން ކެނޑިފައިވާ ބްރޫކްލިންއޭ ކިއުނު ސަރަހައްދަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް ޑޮކްޓާޒް ވިތައުޓް ބޯޑާޒްއިން ވަނީ ގޭންގުތަކުގެ ކިބައިން އެދިފައި ކަމަށް ހަބަރު ލިބެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާގެ ތަރުޖަމާނު ޖާމީ ލޯރަންސް ވިދާޅުވީ ޝިކާރައަކަށް ވީ މީހުންގެ ތެރޭގައި ގިނައީ ސީދާ ގޮތުން ގޭންގުތަކާ ގުޅުން އޮތް މީހުން ނޫން ކަމަށެވެ. އަދި އެމީހުންނަކީ ގޭންގުތަކަށް ނިސްބަތް ވާ މީހުން، ކަނޑައެޅިގެން އަމާޒު ކޮށްގެން ހަމަލާދިން ބައެއް ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ހައިޓީގައި ގޭންގްތަކުގެ ބާރު ގަދަވަމުން ދަނީ ތަންފީޒީ ބާރުތަކުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅަމުން ނުދިއުމުގެ ސަބަބުން، ގޭންގުތަކުގެ މެދުގައި އިތުބާރާއި ޔަގީންކަން ވަރުގަދަ ވެގެން ކަމަށް ބައިނަލްއަގުވާމީ މީޑީއާއިން ވަކާލާތު ކުރެއެވެ.
ކަން މިހެން އޮތް އިރު، ކާބޯތަކެއްޗާ ބެހޭ އދގެ މަޝްރޫއު (ޑަބްލިއުއެފްޕީ) އިން ވަނީ ހައިޓީގައި އޮތް ބަނޑުހައިހޫނު ކަމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިޖުރަކުރުމުގެ ގަދަ އޮއެވަރެއް ފެނިގެން ހިނގައިދާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.