ހެއިޓީގެ ގޭންގުތަކުން ހަތިޔާރާއެކު ހަރަކާތްތެރިވެ ޖަލުތަކުގައި ތިބި އެތައްހާސް ކުށްވެރިންނެއް މިނިވަންކޮށް ގައުމުގެ ވެރިކަން ވައްޓާލަން ދިމާކޮށްފިއެވެ.

ކުރީގެ ޕޮލިސް އޮފިސަރެއް ކަމަށް ވާ މިހާރުގެ ގޭންގް ލީޑަރު ޖިމީ ޗެރިޒިއާ ބުނީ، ބޮޑުވަޒީރު އޭރިއަލް ހެންރީ، ފެބްރުއަރީގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އޭނާ އެކަން ނުކުރައްވައި މިހާލަތަށް އައިސްފައި ވުމުން، ދެން އޮތް ހަމައެކަނި ގޮތަކީ އޭނާ އިސްތިއުފާ ދެއްވުން ކަމަށެވެ.

"ނިންމާ، ހެއިޓީ ވާނީ ޕެރަޑައިސް އަކަށް ތޯ ނުވަތަ ނަރަކަ އަކަށް ތޯ، ބޮޑުވަޒީރު އިސްތިއުފާ ނުދީފިނަމަ ދާހިލީ ހަނގުރާމަ ފަށާނަން، ގަތުލުއާންމު ހިނގާނެ"
ގޭންގް ލީޑަރު

ގޭންގްތަކުން ހެއިޓީގެ ބޮޑުބައެއްގެ ކޮންތްރޯލް މިހާރުވެސް ނަގާފައި ވާ އިރު، ދެ ޖަލެއްގައި ރޯކޮށްލައި ކުށްވެރިން ނެރެ ދޫކޮށްލުމުގެ އިތުރުން ވެހިކަލްތަކުގައި ހުޅުޖަހާ ދަނީ ހަމަނުޖެހުން ހިންގަމުންނެވެ. އަދި ފުލުހުންނާ ކުރިމަތިލައި ބަޑީގެ ހަމަލާތައް ބަދަލުކުރަމުން ދާ އިރު ބޮޑުވަޒީރު މިވަގުތު ގައުމަކު ނެތެވެ.

ހަބަރުތައް ބުނާގޮތުން އޭނާ ދަތުރުކުރެއްވި މަތިންދާ ބޯޓު ޑޮމިނިކަން ރިޕަބްލިކަށް ޖައްސަން ހުއްދަ ނުދިނުމުން ވަޑައިގެން ހުއްނެވީ އެމެރިކާގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ވާ ޕިއޮޓޯ ރިކޯގައެވެ.

އެތާނގައި އޭނާ ހުންނަވާ ބާރު އަޅުއްވަމުން ގެންދަވަނީ ސުލްހަ ބަލަހައްޓާ އދ ގެ ފައުޖެއް ހެއިޓީއަށް ފޮނުވުމަށެވެ. އެ މަގަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ އިރު މިއަދުވެ ވަގުތެއްގައި އދ ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ހެންރީ ވެރިކަމަށް ވަޑައިގަތީ ވެރިކަމުގައި ހުންނެވި ޖޮވެނަލް މޮއިސޭ 2021 ގައި އަވަހާރަ ކޮށްލި ހާދިސާއަށް ފަހު އިދިކޮޅު ފަރާތްތަކާއެކު ވި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ނިމިދިޔަ ފެބްރުއަރީގައި އޭނާ އިސްތިއުފާ ދެއްވާ ރިޔާސީ އިންތިހާބެއް ބާއްވަން އެއްބަސް ވެފައި ވީ ނަމަވެސް ހެންރީ ވިދާޅުވަމުން ގެންދަވަނީ ގައުމު އޮތީ އިންތިހާބެއް ބޭއްވޭ ހާލަތުގައި ނޫން ކަމަށެވެ.

ގޭންގްތަކުން ކޮންޓްރޯލް ނަގާ އެއާޕޯޓުވެސް ބަންދު ކޮށްފައި ވާ އިރު ހެއިޓީގައި ހުންނަ ބޭރުގައުމުތަކުގެ އެމްބަސީތައް ބަންދުކޮށް އޮފިޝަލުން ވަނީ ކައިރި އެހެން ގައުމުތަކަށް ފައިބާފައެވެ. އަދި މިހަމަނުޖެހުންތަކާ ގުޅިގެން އާންމުންގެ ތެރެއިން ގިނަ ބަޔަކުވެސް ހެއިޓީ ދޫކޮށް ފައިބަމުން ދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ "ޕްލޭން އިންޓަނޭޝަނަލުން" ބުނެފައި ވެއެވެ.