އުމްރާގެ އަޅުކަމަށް ސައުދީއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ރޭ ނިޔާވެއްޖެއެވެ. އޭނާ މަރުވީ ރޭ މައްކާ ގަޑިން ދަންވަރު 12 ހާ އިރު ކަމަށް މައުލޫމާތު ލިބެއެވެ.

ނިޔާވެފައި ވަނީ އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ގއ. ކޮލަމާފުށި / ގަސްދޮށުގެ މުހައްމަދު ޒަކީ 83އ އެވެ.

އޭނާ ނިޔާވެފައި ވަނީ، މަދީނާގެ ޒިޔާރަތުގައި 2 ދުވަސް ހޭދަކުރުމަށް ފަހު އެ ދަތުރުގައި އިތުރު އުމްރާއެއް ކުރުމަށް މަދީނާގެ މީގާތު ޒުލް ހުލައިފާއިން އިހްރާމް ބަނދެގެން މައްކާގެ ހޮޓަލަށް ދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. އުމްރާގެ އަޅުކަމުގެ ދަތުރުގައި ޒަކީ އާއެކު އޭނާގެ އާއިލާވެސް ވަނީ ބައިވެރިވެފައެވެ.

އެގޮތުން އޭނާގެ އަންހެނުންނާއި 2 ފިރިހެން ދަރިންނާއި އަންހެން ދަރިއެއްގެ އިތުރުން ދެ ދަނބިދަރީން ބައިވެރިވިއެވެ. އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނިގޮތުގައި ޒަކީގެ ޖަނާޒާގެ ކަން ކަން ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިބޭ ދަރިވަރުންގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށާއި މިވަގުތު މައްޔިތާ ބާއްވާފައި އޮތީ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލްގެ މޯޗަރީގައި ކަމަށެވެ. އަދި ހޮސްޕިޓަލުން ދޫކުރާ ލިޔުންތައް ލިބުނުހާ އަވަހަކަށް ހިނެވުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ ގުރޫޕާ ހަވާލާދީ ބުންޏެވެ.