އަސްކޮއި ގުރޫޕުން ފައިސާ ނެގުމަށްފަހު އުމްރާގެ އަޅުކަމަށް ނުގެންދެވޭނެ ކަމަށް އެންގި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާ ކަމަށާއި، މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުންގެ އެކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އެއާއެކު ފުލުހުން ވަނީ މި ގުރޫޕުގެ ފަރާތުން މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ އެކަން އެކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން އަށް ގުޅާ އެންގުމަށް އެދިފައެވެ. އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ނަންބަރު 9790048 ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށްފަހުވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ރޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ އަސްކޮއި ހައްޖު އުމްރާ މޯލްޑިވްސްގެ ވެރިން ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށްބުނެ، ޕާސްޕޯޓާއި ފައިސާއާއެކު ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެއެވެ.
އެގޮތުން މީހަކު ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އުމްރާގެ މަތިވެރި އަޅުކަމަށް ދިއުމައްޓަކައި، ފޮނި އުންމީދުތަކެއް ކުރަމުންދިޔަ އެތައް ބައެއްގެ އަތުން ކުރިޔާލާ ފައިސާނަގާ، ފުރުމަށް ހަފްތާއަކައް ވެފައި ވަނިކޮށް މި ގުރޫޕުން [އަސްކޮއި ގުރޫޕުން] ނުދެވޭނެ ކަމަށް އަންގާފައިވާ ކަަމަށެވެ. އެއީ މި މަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ދަތުރެއް ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އިތުރު މީހަކު ކަންބޮޑުވުން ފާޅުކޮށް ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ 6 މީހަކު އުމްރާއަށް ދިއުމަށް ޖުމްލަ 155،700 ރުފިޔާ ދެއްކި ނަމަވެސް އެންމެ ފަހުވަގުތު އުމްރާއަށް ނުގެންދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ އަސްކޮއި ގުރޫޕުން އަމަލު ކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
މީގެ ކުރިން ވެސް އަސްކޮއި ގުރޫޕުގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. ނިމިދިޔަ ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އެ ގުރޫޕުގެ ހަވާލުގައި އުމުރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދެވެން ނެތް ކަމަށް އެންގާފައިވާ ކަމަށް ބުނެ އޭރު ސޯޝަލް މީޑިއާގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އެ މައްސަލަތަކާއި ގުޅިގެން އޭރު މިނިސްޓްރީން އެ މައްސަލަ ބެލުމަށްފަހު އަސްކޮއި ގުރޫޕު ވަނީ 130,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި މީހުންނަށް ރިފަންޑު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ އަންގާފައެވެ.