ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހި އުުމްރާވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފިއެވެ.

މައްސަލަ ޖެހި ނުފުރި ޑިލޭ ވެފައިވަނީ ސައުދީ ގަޑިން މިއަދު މެންދުރު ފަހު 3:45 ގައި ފުރާ ގޮތަށް ހަމަޖައްސާފައި މޯލްޑިވިއަންގެ ފްލައިޓް ކިއު 2-6361 ކެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އުމްރާވެރިއަކު ބުނީ ފްލައިޓަށް އެރި މީހުން އޭގެ ތެރޭގައި ތިބޭތާ 4 ގަޑިއިރު ވެފައިވާކަމަށާއި، ފްލައިޓުގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޑަޔަލިސިސް ހަދާ ޕޭޝަންޓުންވެސް ތިބި ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހައްޖު ކޯޕަރޭޝަންގެ ސީއީއޯ މުހައްމަދު ޝަކީލް ވިދާޅުވީ ފްލައިޓް މައްސަލަ ހައްލުކޮށް މިހާރު ފުރާފައިވާކަމަށާއި، ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަން އިން ބުނީ މޯލްޑިވިއަންގެ ފްލައިޓު ޑިލޭވާން މެދުވެރިވި ސަބަބު ބަޔާންކުރުމަށް ސްޓޭޓްމެންޓު ނެރޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިންވެސް ފްލައިޓު ތަކަށް މައްސަލަ ޖެހި ޑިލޭތައް ވެފައި އެބަހުއްޓެވެ.