ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގަނެވުނީ މިމަހުގެ 15 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން ބަލައި ފާސްކުރެރި ޕެކޭޖުގެ ތެރޭގައި ހުރި ހަތަރު ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ތަހުލީލުކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ، މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1040 ގުރާމް ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ފަހަކަށް އައިސް ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ވަނީ އިތުރުވެފައެވެ. ބޭރު ބައެއް ގައުމުތަކުން ރާއްޖެ އަށް އަންނަ ބައެއް ބިދޭސީން ވެސް މަސްތުވާތަކެތި އެތެރެކުރާ ކަން ފާހަގަކުރެވިފައިވީ ނަމަވެސް، ސަރުކާރުން މިފަހުން އާންމުކުރި ގަވައިދުގެ ސަބަބުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ބިދޭސީން އަނބުރާ ފޮނުވާލުމަށް މަގުފަހިވެގެން ދެއެވެ.