މާލެ ސަރަހައްދުގައި މިއަދު ރިކޯޑު މިންވަރަަކަށް ކަރަންޓް ބޭނުންކުރި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ، މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައް ކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާއިރު މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވާ ޔޫސޭޖް ނުވަތަ އެވްރެޖް އެނާޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށެވެ.

އެގޮތުން މިއަދުގެ މެންދުރު 02:10 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށް ވުރެ މައްޗަށް އަރާފައި ވާކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމަށް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން އާންމު ގޭބީސީ ތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރި ތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިލްތިމާސް ވަނީ އިލްތިމާސް ކޮށްފައެވެ.

އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 ޕަސެންޓު ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއާކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

މީގެ އިތުރުން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސްޓެލްކޯ އިން ވަނީ މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމާއި، އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހާއި މޭ މަހަކީ ރާއްޖެ އަށް އެންމެ ހޫނު ގަދަވާ އެއް ދުވަސްވަރެވެ. އެހެންވެ، އަހަރުގެ އެހެން ދުވަސްދުވަހަށް ވުރެ މި ދުވަސްވަރު ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެކަމުގެ ސަބަބުން ކަރަންޓު ބިލުތައް ބޮޑުވެ، ކަސްޓަމަރުން މި ދުވަސްވަރު އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.