އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ސަރުކާރާ ދެކޮޅަށް ހުށަހެޅި ޗާގޯސް އާ ގުޅޭ މައްސަލައިގައި ބަހުސް ކުރުމަށް މިއަދު ފާސްކޮށްފިއެވެ.
މި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައިގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ގޮތަށް ސަރުކާރުން މޮރިޝަސް އަށް ފޮނުއްވި ސިޓީ ރައްޔިތުންނަށް ހާމަ ކުރުމަށާއި އަދި ރާއްޖޭގެ ސަރަަހައްދެއް ވިއްކާލުމަށް "ޑީލް" ހަދާފައިވާ މައްސަލައާ މެދު ސަރުކާރާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަ އެވެ.
އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ވިއްކާލުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށާއި އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ބަދަލު ގެނެވޭނީ މަޖިލީހުގެ މެންބަރުންގެ ތިންބައި ކުޅަ ދެބައި އެކަމަށް ތާއީދުކޮށް ގާނޫނު ފާސް ކުރުމުން ކަމަށް ޝަރީފް ހުށްހެޅުއްވި މައްސަލައިގައި ވެއެވެ. އަދި އެ ކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ދިވެހި ރާއްޖެއަށް ލިބޭނެ ކަމަށްވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި އެންމެ ހަރުކަށި އިބާރާތުން އިދިކޮޅުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބައިވިރި 47 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގަތީ ޖުމްލަ 42 މެންބަރުނެވެ. އަދި ބަހުސް ކުރުމަށް ފެންނަ ކަމަށް 23 މެންބަރުން ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަމަށް 19 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ތެރެއިން އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގަ މެންބަރުންވެސް ހިމެނެއެވެ.
ރާއްޖެ އާއި ޗާގޯސް އައިލެންޑްސް އާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ގޮވާލާ މީގެ ކުރިނަ ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ.
ޗާގޯސްގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައިގައި ހުކުމް މި މަހުގެ 28 ގައި އިއްވާނެއެވެ. ހުކުމް އިއްވުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހެނދުނު 11 އަށެވެ.
އެ ދައުވާ އާ ގުޅިގެން ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުންނާއި އާންމުން ވަނީ ޗާގޯސް އަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށާއި އެތަން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.
ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް ވަނީ އަންގަވައިފައެވެ. ނަމަވެސް މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް، މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފެއް ނުވެއެވެ.