"ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ވާދަކުރުމަށް ރަށްރަށުގެ ނަން ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން އިތުރުކޮށްފިއެވެ.

ކުރިން އޮތްގޮތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް" އަށް ރަށްރަށުގެ ނަން ހުށައެޅުމުގެ ފުރުސަތު އޮތީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

ނަމަވެސް މިހާރު މިނިސްޓްރީން ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި މުއްދަތު އިތުރުކޮށްފައެވެ. މިނިސްޓްރީން ބުނީ، މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ރަށްތަކަށް މި ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ އދ. ގެ ޓޫރިޒަމާ ބެހޭ މައި އިދާރާ، ޔޫއެންޑަބްލިއުޓީއޯގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިކަމަށް އާބާދީގައި 15،000 ހަމަ ނުވާ ކޮންމެ ރަށަކަށް ވެސް ކުރިމަތި ލެވޭނެއެވެ.

"ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" ގައި ވާދަކޮށް ކާމިޔާބު ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ރަށްތަކާ އެކީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ ރަށްފުށުގެ ކުރިއެރުމާއި ތަރައްގީ އަށް އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ ވަސީލަތްތުގައި ޓޫރިޒަމް ބޭނުން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ރަށްފުށުގެ ޓޫރިޒަމަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.