މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގައި އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވި މުހައްމަދު ނާޒިމް މިއަދު އައްޔަން ކޮށްފި އެވެ.

އެމްއެސްއެސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކެޕްޓަން މުހައްމަދު ނާޒިމް އައްޔަން ކޮށްފައި ވާ ކަމަށެވެ. ނާޒިމް އަކީ ފެށުނީއްސުރެ އެ ކުންފުނީގައި ހުންނެވި ބޭފުޅެއް ކަމަށާއި އޭނާ އަކީ އައްސޭރިއާއި ކަނޑުމަތީގައި ވެސް އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެނަފައިވާ ބޭފުޅެއް ކަމަށް އެމްއެސްއެސް އިން ބުނެއެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ ކުންފުނި އުފެއްދީއްސުރެ އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު، އެމްއެސްއެސްގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރުމުންނެވެ. ސައީދު އެސްޓީއޯގެ އެމްޑީއަކަށް އައްޔަން ކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.