މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑޮނޭޝިއާ އަށް ދަތުރުތައް ފަށަން ތައްޔާރު ވެއްޖެއެވެ.
އެމްއެސްއެސް އިން ބުނީ، މި ދަތުރުތައް ކުރާނީ އިންޑޮނޭޝިއާގެ ބެލަވަންއިން މެލޭޝިއާގެ ޕޯޓު ކިލާންގް އަދި ސްރީލަންކާގެ ކޮލޮމްބޯއަށް ކަމަށެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ އެމްއެސްއެސްގެ އަމިއްލަ ބޯޓެއް ކަމުގައިވާ އެމްއެސްއެސް ގްރެފީންއެވެ.
އެމްއެސްއެސްއިން އިންޑޮނޭޝިއާއަށް ދަތުރުތައް ފަށަން ނިންމާފައިވާ އިރު، މެލޭޝިއާއަށް ދަތުރުތައް ފެށީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
އެމްއެސްއެސްގެ ފްލީޓުގައި މިހާރު 5 ބޯޓު އޮންނައިރު، އެކުންފުނިން މާލެއިން ދުބާއީއަށް ވެސް ދަތުރުތައް ކުރެއެވެ. ހަމައެއާއެކު އެމްއެސްއެސް އިން ދަނީ ޝެޑިއުލްކޮށް މާލެ އިން އައްޑޫ ސިޓީއަށް ވެސް ދަތުރުތައް ކުރަމުންނެވެ.
2020 ވަނަ އަހަރު އުފެއްދީ އެމްއެސްއެސް ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ. ދުނިޔޭގެ 30 ވުރެ ގިނަ ބަނދަރުގައި އެކުންފުނީގެ އެޖެންޓުން ތިބޭ އިރު، އެކުންފުނީގެ ކޮންޓެއިނާގެ އަދަދު 2500 އަށްވުރެ ގިނައެވެ.